ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 41000 އަށްވުރެ މައްޗަށް އަރައިފި


ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 41000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަސްކަމަށްވާ ޖުލައި 15 އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 41766 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރމަހުގެ ނިޔަލަށް ރާއްޖެ އައި 21309 ފަތުރުވެރިންނެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1590 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ފަތުރުވެރިން މިހާރު ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރަނީ 9.6 ދުވަހެވެ. ބޯޑަރު ހުޅުވާލި ޖުލައިމަހު މި އަދަދު ހުރީ 14.1 ދުވަހުގައެވެ.
ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިދިޔަމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. އެޤައުމުން ރާއްޖެއަށް 7507 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 21.1 އިންސައްތައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޔޫ.އޭ.އީންނެވެ. އެޤައުމުން ރާއްޖެއަށް 3479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން ރާއްޖެއަށް 3056 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ޙިދުމަތްދޭ 294 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މީގެތެރޭގައި ހިމެނެނީ، 120 ރިސޯޓާއި، 5 ހޮޓަލާއި، 120 ސަފާރީ އަދި 49 ގެސްޓުހައުސްއެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 32464 އެނދު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. މީގެތެރެއިން 28390 އެނދަކީ ރިސޯޓުތަކުގެ އެނދެވެ.