ޚަބަރު

މިއަދުގެ ހަނދާން އާކުރަންވީ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން - ރައީސް


ނަޞްރުގެ ދުވަހު ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާއި ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއްކަމަށެވެ. ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއްކަމަށެވެ. އެދުވަހު، ދިވެހިންގެ ލޯތައް ފުރިގެންދިޔައީ، ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިން ކަމުގައި ވީނަމަވެސް އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މަދަދާއި އެކު، ދިވެހިންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީ ލިބިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން. އަދި އެހާދިސާއިން ޢިބްރަތް ޙާޞިލުކުރަމުން. ނަޞްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއްނެތި، ލޯބިވުމުގެ މުހިންމުކަން. އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން" ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވިއެވެ.

ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނޮވެންބަރު 3ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދިވެހި ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން. ހަމައެފަދައިން، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން، ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، މި ފުރުޞަތުގައި ޝުކުރު އަދާކުރަން" ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓެވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް، އެކަމަނާއަށް ރައީސްވަނީ ޝުކުރު ދަންނަވާފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ދިވެހި ޤައުމީ ދިފާޢީ ބާރުން ހޯދަމުން އަންނަ ކުރިއެރުމާއި ތަރައްޤީ ފާހަގަކޮށް، ތަހުނިޔާ ވަނީ ދަންނަވާފައެވެ.