ވިޔަފާރި

ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފި


ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ބޮޑުކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ އެޤައުމުގައި މިދިޔަމަހުގެ 27ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މަހުގެ ބާވަތްތަކުން ނަގަން ކަނޑައަޅާފައިވާ އާ ޓެކުހުގެ ރޭޓުތަކާއި އެކުއެވެ. އާ ޓެކުހުގެ ރޭޓުތަކުގައިވާގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް އެޤައުމުން ވަނީ ނިންމާފައެވެ.

ލަންކާގައި ރާއްޖޭގެ ވަޅޯމަހާއި ހިކި މަހަކީ ވަރަށް މަޤްބޫލް އުފެއްދުންތަކެކެެވެ. އަދި މިހާރު މި އުފެއްދުންތަކަކީ އެޤައުމުގެ މަސްވެރިންވެސް އުފައްދާ ބާވަތްތަކަށްވުމުން ޓެކްސް ރޭޓު ބޮޑުކޮށްފައިވަނީ ލަންކާގެ މަސްވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކަމަށް ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ އިތުރުން އެހެން ޤައުމުތަކުން އެޤައުމަށް އެތެރެކުރާ ގަނޑުކުރި މަހުގެ ކިލޯއަކަށް ނަގާ ޓެކްސްވެސް ވަނީ 41.39 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ހިކި މަސް ކިލޯއަކަށް ނަގާ ޓެކްސްވެސް ވަނީ 26.28 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކޮށްފައިވީ ނަމަވެސް ދިވެހި މަސް އެޤައުމަށް އެކްސްޕޯޓުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ރާއްޖެއިން ލަންކާއަށް އާއްމުކޮށް އެކްސްޕޯޓުކުރަމުންދަނީ ވަޅޯމަހެވެ. އަދި މިދިޔަ އަހަރުތެރޭގައި ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކޮށްފައިވަނީ ގާތްގަނޑަކަށް 5000 ޓަނުގެ މަސް ކަމަށް ޕިޝަރީޒް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ރާއްޖެއިން ވަޅޯމަސް އެކްސްޕޯޓުކުުރުމުގެ ބަދަލުގައި ދަޅުގައި މަސް ބަންދުކޮށްގެން ރާއްޖެއިން ބޭރުކުރުމަކީ ދިވެހި މަހަށް އެންމެ ރަނގަޅު އަގު ލިބޭނެ ގޮތްކަންވެސް އެމިނިސްޓްރީން ފާހަގަކުރެއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ބޮޑުބަޔަކީ މަހުގެ އެކި ބާވަތްތަކެވެ.