ވިޔަފާރި

2022 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް- ޓޫރިޒަމް މިނިސްޓަރ


2022 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށްވާއިރު، އެއަހަރުތެރޭ ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ރާވާމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވަރަށް ޙާއްސަ ޕްރޮގްްރާމްތަކެއް ކުރިއަށް ގެންދިޔުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

" ފަތުރުވެރިކަމުގެ ރަންއަހަރު ހުރިހާ ސަރަޙައްދަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ތިލަދުންމައްޗަށް އައްޑޫ ސިޓީއަށް ލާމު އަތޮޅަށް ގްރޭޓަރ މާލެ އޭރިއާއަށް، ރާއްޖޭގެ ރިސޯޓުތަކުގައިވެސް ވަރަށް ޙާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ޙަބަރު އެބަ ލިބޭ،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މަޢުސޫމް ވިދާޅުވީ 2022 ވަނަ އަހަރު ފަތުރުވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބި އާއްމު ރައްޔިތުންނަށާއި ދައުލަތަށް އެކަމުގެ ނަފާ ލިބެން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައިސްފައިވަނީ 1972 ވަނަ އަހަރުއެވެ. މިއާއެކު މިއަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތަށް ވަނީ 48 އަހަރު ފުރިފައެވެ.

ކުޑަގޮތަކަށް ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައި ނަމަވެސް ރާއްޖޭގައި މިހާރު ގާތްގަނޑަކަށް 150 އަށްވުރެ ރިސޯޓު ދަނީ ހިންގަމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތަކުގެ ރިސޯޓުތައް ރާއްޖޭގައި ދަނީ ހިންމުންނެވެ. ގެސްޓުހައުސް ވިޔަފާރިވެސް ފުޅާވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ދަނީ ގެސްޓުހައުސްތައް ހިންގަމުންނެވެ.