ޚަބަރު

އދ.ގެ އާއްމު މަޖިލީހުގައި ބައިވެރިވުމަށް ޚާރިޖީ ވަޒީރު ނިއުޔޯކަށް


އދ. ގެ އާއްމު މަޖިލީހުގެ ހަތްދިހަ ވަނަ ޖަލްސާގެތެރެއިން، ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ބާއްވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޏާ މައުމޫން ނިއުޔޯކަށް ވަޑައިގެންފިއެވެ.އދ. ގެ އާއްމު މަޖިލީހުގައި ޤައުމުތަކުގެ އެންމެ އިސްވެރިން ތަޤްރީރުކުރައްވަން ހަމަޖެހިފައިވާއިރު، ދިވެހިރާއްޖޭގެ ފަރާތުން މިޖަލްސާގައި ތަޤްރީރުކުރައްވާނީ ދިވެހި ޚާރިޖީ ވަޒީރު ދުންޏާ މައުމޫނު ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއެވެ. މިދަތުރުފުޅުގައި އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުންތަކުގައި ބައިވެރިވާ ދިވެހި ވަފްދުގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު ދުންޏާ މައުމޫނެވެ. އަދި ޕޯސްޓް 2015 ޑިވެލޮޕްމަންޓް އެޖެންޑާ ބަލައިގަތުމަށް މިމަހުގެ 26 އަދި 27 ވަނަ ދުވަހު ބާއްވާ ސަމިޓްގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ދުންޏާ މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއެވެ.ޚާރިޖީ ވަޒީރު ދުންޏާގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތުގައި ޙާއްސަ އިޙްތިފާލެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިހަފްލާއަށް އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ.