ޚަބަރު

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި


މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗާއި ދިމާ މޫދުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު ސިދުރަތުއްﷲ އަޙްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ވިދާޅުވީ ސިދުރަތުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައިކަމަށެވެ. މިދިޔަ މަހުގެ 23ވީ ހުކުރު ދުވަހު އައިޖީއެމްއެޗާއި ދިމާ މޫދުތެރޭގައި މަރުވެފައި އޮއްވައި، ފެނުނު ގދ.ވާދޫ، ރިމެމްބަރ ކަދަވާޑު، އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި، ރާއްޖޭން ބޭރަށް ފޮނުވެންދެން އޭނާގެ ހަށިގަނޑު ބާއްވައިފައި އޮތީ، ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

މިމަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައި ވަނީ، އެއީ ޤުދުރަތީ މަރެއްކަން ކަށަވަރު ނުކުރެވޭތީކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މަރުވެފައި އޮއްވައި ފެނުނު ސިދުރަތުއްﷲގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް އާއިލާއިންވެސް ފާހަގަކޮށްފައި އާއިލާއިންވެސް ތުހުމަތު ކުރަނީ، ސިދުރަތުއްﷲ މަރާލާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވަނީ، މިމަހުގެ 22ވީ ބުރާސްފަތި ދުވަހުގެ ހެނދުނު، 9:00 އާއި 10:00 އާއި ދެމެދު ސިދުރަތުﷲ ރަސްފަންނާއި ދިމާއަށް މޫދަށްއެރެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް އާއްމުކޮށްފައެވެ. އަދި ސިދުރަތުﷲ އެސަރަހައްދުން ދުށް، ނުވަތަ ބައްދަލުވި މީހަކު، ނުވަތަ އޭނާ އާއި ގުޅޭ މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެ މައުލޫމާތެއްވެސް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.