ދުނިޔެ

ލަންކާގެ ކާފިއު މުއްދަތު އިތުރުކޮށް، ޢާއިލާތަކަށް 10،000 ރުޕީސްގެ ތަކެތި ހިލޭ


ތިން ދުވަހުގެ މުއްދަތަށް ސްރީލަންކާގެ ހުޅަނގުގެ ޕުރޮވިންސުތަކުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ އުސޫލުތައް ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އާމީ ކޮމާންޑަރު ލިއުޓުނަންޓު ޖެނެރަލް ޝަވެންދްރާ ސިލްވާ ވިދާޅުވީ ސްރީލަންކާގެ ރަތުނަޕޫރާ ޑިސްޓްރިކްޓާޢި ކުރުނެގަލަ ޓައުންގެ އިތުރުން ކުލިޔަޕިޓިޔާގައިވެސް ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ކާފިއު ދެމި އޮންނާނެކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޑެލިވަރީ ނިޒާމެއް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން އަލުން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއް ޑިސްޓްރިކްޓުން އަނެއް ޑިސްޓްރިކްޓަށް ދަތުރުކުރުމަކީ ވަރަށް ހަރުކަށިކޮށް މަނާކޮށްފައިވާކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ސަރުކާރުންވަނީ އަމިއްލަ ގޭގައި ކަރަންޓީނުވެފައިވާ ޢާއިލާތަކަށް 10،000 ލަންކާ ރުޕީސަށްވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޙަރަކާތެއް ފަށައިފައެވެ. އެ ތަކެތި އެމީހުންނަށް ފޯރުކޮށްދޭނީ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއެކުގައިކަމަށް ސަރުކާރުން ބުންޏެވެ.

އެގޮތުން ކަރަންޓީނުގައި ތިބޭ ޢާއިލާތަކަށް ދެ ފަހަރެއްގެ މަތިން 5،000 ލަންކާ ރުޕީސްއަށް ވާވަރަށް މޭވާއާއި ތަރުކާރީއާއި ހިކިކާނާ ސަރުކާރުގެ ފަރާތުން ފޮނުވަދޭނެއެވެ. އެއީ އެ ޢައިލާތައް ކަރަންޓީނު މަރުކަޒުތަކަށް ފޮނުވުމުގެ ބަދަލުގައި އަމިއްލަ ގޭގައި ކަރަންޓީނުވުމުގެ ފުރުޞަތު ދިނުމަށްކަމަށް ސަރުކާރުން ފަހިކޮށްފައިވާ ފުރުޞަތުގެ ދަށުންދޭ ލުޔެކެވެ.

ސްރީލަންކާގައި މިހާތަނަށް 11،061އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 21 މީހުންވަނީ މަރުވެފައެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައިވަަނީ އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ދުވަސްވަރުގައި މާރިޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނީ މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރުން އޭރު ހުއްޓުމުންނެވެ.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އަނެއްކާވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ލަންކާގައި އިތުރުވާން ފަށައިފައެވެ. އެ ތިން ހަފްތާގައި ހެދުން އުފައްދާ ކާރުޚާނާއެއްގައި މަސައްކަތްކުރާ 1،000އަށްވުރެ ގިނަ މަސައްކަތްތެރިންނަށްވަނީ ބަލިޖެހިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 397 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ.