ނާއިބް ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަޙްމަދު އެ މަޤާމުން ވަކިކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލް ކޮށްފިއެވެ.
ސުޕްރީމްގެ ކޯޓްގެ ތާވަލަށް މި މައްސަލަ ލާފައިވާއިރު ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މަޤާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީވެސް ޑރ.ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަޤާމުން ވަކިކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
ޖަމީލް މަޤާމުން ވަކިކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް އޭނާގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ އަހަރުއެވެ. ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި މަޤާމުން ދުރުކުރީ 21، ޖުލައި 2015 ގައެވެ. ޖަމީލް މަޤާމުން ވަކިކުރަން 78 މެންބަރުން ވޯޓް ދެއްވިއެވެ. ދެކޮޅަށްވޯޓް ދެއްވީ ދެ މެންބަރުންނެވެ.
ޖަމީލް ނާއިބު ރައީސް ކަމުން ވަކި ކުރެއްވުމުގެ މަސައްކަތް އޭރުގެ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުގައި މަޑުކުރެއްވިއެވެ. ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަޤާމަށް އިންތިޚާބްވެ ވަޑައިގެންނެވި ފަހުންނެވެ.