ޚަބަރު

ހއ. އަތޮޅުގައި ''ގެމެން ޕޯޓަލް'' ބޭނުން ކުރަން ފަށައިފި


ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ''ގެމެން ޕޯޓަލް'' ހއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބޭނުން ކުރަންފަށައިފިއެވެ.

ހއ އަތޮޅުގައި ބޭނުން ކުރަން ފެށި އެލްޖީއޭގެ ގެމެން ޕޯޓަލްއަކީ ވިހާމަރުވާމީހުންނާއި ، އުފަންދުވަހުގެ ރަޖިސްޓަރީއާ ފޫޅުމާ ފޯމާއި އަދި މީގެ އިތުރުންވެސް އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލްއެކެވެ.

އެލްޖީއޭއިން ވިދާޅުވީ، ހއ. އަތޮޅުގައި ''ގެމެން ޕޯޓަލް'' ބޭނުންކުރަން ފެށުމަށް މިހާރު ހއ. އަތޮޅު ކައުންސިލް، ދިއްދޫ ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލުން ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރެވިފައިވާ ކަމަށެވެ. އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، އެ ޕޯޓަލްގެ މެދުވެރިކޮށް ޚިދުމަތް ދޭން ފަށާފައިވާކަމަށްވެސް އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

ގެމެން ޕޯޓަލް މެދުވެރިކޮށް ހއ އަތޮޅުގެ ރަށްތަކަށް ޚިދުމަތް ދެވޭނޭ ގޮތް ހެދުމަށްޓަކައި ހއ އަތޮޅު ކައުންސިލުން ވަނީ ދިއްދޫގެ އިތުރުން އެއަތޮޅު ކެލާ، ވަށަފަރު، އަދި ފިއްލަދޫގެ އިތުރުން އިހަވަންދޫގެ ސިއްހީ މަރުކަޒުގެ ކަމާބެހޭ މުވައްޒަފުންނައްވެސް ޕޯޓަލް ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފައެވެ. މި ތަމްރީން ދީފައި ވަނީ އެންސީއައިޓީގެ އެހީތެރިކަމާއިއެކު އޮންލައިންކޮށް ކަމަށް ވެސް އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

މި ޕޯޓަލް ރަސްމީކޮށް މާލެސިޓީ ކައުންސިލާއި މާލެސިޓީގައި ހިމެނޭ ހޮސްޕިޓަލްތަކުގައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިޒާމު ރާއްޖޭގެ ހުރިހާ ރަށެެއްގައި ބޭނުންކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ހާމަކުރައްވާފައެވެ.

"ގެމެން" އަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސްނެންގެވުމުގެ ދަށުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީ މެދުވެރިކޮށް ތަރައްޤީކޮށް، މާލެ ސިޓީ ކައުސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން އެކުލަވާލަމުންދާ ނިޒާމެކެވެ. މިނިޒާމަކީ ރައްޔިތުންގެ އާބާދީއާއި ބެހޭ ހުރިހާ މައުލޫމާތެއް ޑިޖިޓައިޒްކޮށް ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.