ޚަބަރު

ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ - އެޗްޑީސީ


ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއާ ހަމއަށް ނިންމައިލެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

މިޕާކަކީ ފެނުގެ ގިނަ ކުޅިވަރުތަކެއް ކުޅެވޭގޮތަށް ރާއްޖޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ޕާކެވެ. މިޕާކު ތަރައްޤީކުރަނީ ރޭގަނޑުވެސް ޕާކުގައި މަޑުކުރެވޭގޮތަށް 50 ކޮޓަރީގެ ހޮޓަލެއްވެސް ހިމެނޭހެނެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ ޕާކަށް ބޭނުންވާ ބައެއް ސާމާނުތަކުގެ މަސައްކަތް މިހާރުވެސް ހޯދަމުންދާކަމަށާއި ޕާކް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. މި މަސައްކަތް ކުރުމުގެ ސްޕީޑް ލަސްކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުންވެސް މަސައްކަތަށް ލަސްތަކެއް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް މުޅިން ނިންމައިލެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

"މަސައްކަތް އެބަ ކުރިއަށްދޭ. ފެންސް ޖަހާފައި ހުރީމަ އެތެރޭގައި ކުރިއަށްދާ މަސައްކަތްތައް ނުފެންނަނީ. މިހާރުވެސް ޕަކްކްގައި ތަރައްޤީ ކުރާ ފެންގަނޑުގައި ގައު އެތުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ." ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި ފާޚާނާއާއި، ޗޭންޖިންގ ރޫމާއި، ރޭގަނޑު މަޑުކުރުމުގެ އިންތިޒާމްގެ އިތުރުން، ސްޕައިރަލް ސްލައިޑް، ވޯޓަރ ހައުސް، ވޯޓަރ ރޯލަރސް، ފެމިލީ ސްލައިޑްސް އަދި ފައުންޓެއިންފަދަ ތަންތަން ހިމެނެއެވެ. މީގެއިތުރުންވެސް ފެނުގެ ކުޅިވަރުތަކާ ގުޅޭ ކުދި ވިޔަފާރިތަކާއި، ރެސްޓޯރަންޓްތައްވެސް ވޯޓަރ ތީމްޕާކުގައި ހިމެނެއެވެ.