ވިޔަފާރި

އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ ޢާއްމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު ބާއްވަނީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ.

އެމްޓީސީސީން ޙާއްސަގޮތުން ކުރާ އާންމު ޖަލްސާ ބާއްވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު އައްޔަންކުރަންޖެހޭތީއެވެ. އެމްޓީސީސީގެ ހިއްސާދާރުންގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 2 ޑިރެކްޓަރަކު އައްޔަންކުރަންޖެހެއެވެ. މިދިޔަ ސެޕްޓެމްބަރުމަހު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ 1 ޑިރެކްޓަރަކު އައްޔަންކޮށްފައެވެ. އެއީ ނަޝްރަތު މުޙައްމަދެވެ.

2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށް އެ ކުންފުނިން ބުނެއެވެ. މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން މިމަހުގެ 13 ގެ ކުރިން ރަޖިސްޓަރ ކުރަންޖެހޭނެއެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ހިއްސާދާރުންގެ ވޯޓުން ވަނީ ފާސްވެފައެވެ.