ވިޔަފާރި

މިހާތަނަށް 46 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފި


ޓޫރިޒަމް މިނިސްޓްރީން 46 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފިއެވެ.

މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 12 ރަށެއްގެ 46 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 46 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1199 އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ކ. ހުރާ، ކ. މާފުށި، ކ. ގުރައިދޫ، އއ. މަތިވެރި، އއ. އުކުޅަސް، އއ. ތޮއްޑޫ، އއ. ރަސްދޫ، ވ. ފުލިދޫ، ވ. ތިނަދޫ، ނ. ފޮއްދޫގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫ އަދި މަރަދޫ ފޭދޫގެ ބައެއް ގެސްޓްހައުސްތަކެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.