ރިޕޯޓް

އިންތިޤާލީ އިންސާފުގެ ބިލު - ކުރު މުއްދަތެއްގެ ތެރޭގައި ޤާނޫނީ ކަށަވަރުކަން


2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ބިލެއް ހުށަހަޅާފައެވެ.

މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012އިން 2018އާ ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައި ދިނުމެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މިބިލުގެ ސަބަބުން އިންސާފު ހޯދުމަށް ޤާނޫނުގެ ތެރެއިން ބާރުވެރިކަން ލިބި އިންސާފާ ހަމައަށް ވާސިލްވުމަށް އިތުރު ހަރުފަތެއް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ވިދާޅުވެފައިވަނީ މިބިލަކީ ވަކި ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި އިންސާފުން ބޭރުން އަނިޔާލިބުނު ހުރިހާ ބޭފުޅުންނަށް އިންސާފު ޤާއިމްކޮށް ދިނުމަށް ހުށަހެޅުއްވި ބިލެއްކަމަށެވެ.

"މިއީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް، ނުވަތަ އަނިޔާވެރިވުމަށް ނުވަތަ އަދަބުތަކެއް ދިނުމަށް ހުށަހެޅި ބިލެއްނޫން. އެކަމާ ބިރުގަންނާނީ އިންސާފުން ބޭރުން އެމަލުކޮށްފައިވާ ބޭފުޅުން. މިއީ އަދުވެރިކަމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ތަންފީޒު ކުރެވިގެންދާނެ ބިލެއް. މިބިލުގެ ސަބަބުން ނުހައްގުން އަނިޔާލިބުނު މީހުންނަށް އިންސާފު ލިބިގެންދާނެ." ޕީއެސްއެމް ނިއުސްގެ ބާބު 3 ޕްރޮގުރާމުގައި މެމްބަރު އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް މިޤާނޫނުގެ ދަށުން އިންސާފު ލިބިދިނުމަށް މައްސަލަތައް ހުށަހަޅަން ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މިބިލުގައި ބުނެފައިވެއެވެ. އިންތިޤާލީ އިންސާފުގެ "އޮމްބަޑްސްމަން އޮފީސް" އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ.

އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މިއޮފީހަށް ލިބިދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާ ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.

މިއޮފީހަށް ޤާނޫނީ ބޮޑެތި ބާރުތަކެއް ލިބިގެންދާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޚީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

އޮމްބަޑްސްމަން އޮފީހުން ކުރާ މަސައްކަތްތަކާއި ތަހުޤީޤުތަކާ ގުޅޭރިޕޯޓް ކޮންމެ ތިން މަހަކުން ތިންމަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަންޖެހެއެވެ. އެރިޕޯޓްތައް ގެޒެޓްގައި ޝާއިއުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މިރިޕޯޓައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އޮމްބަޑްސްމަން އޮފީހުން ބަލައި ތަހުޤީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި 15 ދުވަހުގެތެރޭގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންޖެހެއެވެ. އަދި ދައުވާކުރާ މައްސަކަތަކުގައި 45 ދުވަހުގެތެރޭގައި ކޯޓުން މިފަދަ މައްސަލަތަކުގައި ހުކުމް ކުރަންޖެހޭކަމަށް ބިލުގައި ބުނެފައެވެއެވެ. ކޯޓުގެ ހުކުމަކާއި ގުޅިގެން އިސްތިއުނާފަށް ހުށަހެޅުމުގެ 10 ދުވަހުގެ މުއްދަތެއް ލިބޭއިރު، އިސްތިއުނާފްގެ މަރުހަލާ 30 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި މިފަދަ މައްސަލަތަކުގައި ރައްދުވާ ފަރާތަށް މިމައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުން ޤާނޫނާއި ޚިލާފްނަމަ 10 ދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓަށް ހުށަހެޅޭ ގޮތަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އިންތިޤާލީ އިންސާފު ޤާއިމްކުރުމަށް، އިންސާފުގެ މަރުހަލާގައި ދުވަސްތަކެއް ކަޑައެޅި ބަޔާންކޮށް، ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމަން ބަޔާންކޮށް ޤާނޫނެއް ފާސްކުރާވެސް މިއީ ފުރަތަމަ ފަހަރެވެ. އެކި މަރުހަލާތަކުގައި މައްސަލަތަކުގައި ހޭދަވާންޖެހޭ މުއްދަތު ކުރުވެފަ، މައްސަަލަތައް އަވަސްވާނެ ގޮތަކަށް މިބިލުން ފަހިކޮށްދީފައިވާކަމީ އިންސާފު އަވަސްވެގެންދާނެ ކަމެއްކަމަށް މިބިލު ހުށަހެޅުއްވި މެމްބަރުވެސް ވަނީ ވިދާޅުވެފައެވެ.