ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އީދުގެ ތަހުނިޔާ ފޮނުއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ފޮނުއްވެވި ތަހުނިޔާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަންފުޅުގައާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ހުރިހާ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ދަންނަވާފައިވެއެވެ.މީގެ އިތުރުން މި އީދަކީ އެންމެހާ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ބަދަހިކޮށް، ރަހްމަތްތެރިކަމާއި ގާތްގުޅުން އުފައްދަން ލިބޭ ފުރުސަތެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި އީދުގައި އެގޮތުގެ މަތިން އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައި، އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދިރުވައި އާލާ ކުރުމަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާފައިވެއެވެ.މީގެ އިތުރުން އިސްލާމީ އުއްމަތަށް އެކި ގޮތްގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްވެސް މަޖިލީހުގެ ރައީސް އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގައި ވިދާޅުވެފައިވެއެވެ.