ކުޅިވަރު

މިފަސް އަހަރު ނިމިގެންދާއިރު ކުޅިވަރުގައި އިންޤިލާބީ ބަދަލްތަކެއް ފެންނާނެ - މަހްލޫފު


މިފަސް އަހަރު ނިމިގެންދާއިރު ކުޅިވަރުގައި އިންގިލާބީ ބަދަލްތަކެއް ފެނިގެންދާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މަޙްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ނިމޭއިރު، ރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބަދަލްތަކެއް އަންނާނެކަމަށެވެ. އެއާއެކު ކުރިއެރުމާއި ތަރައްގީ ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން 15 މެޑަލް ހޯދުމާއި ސައުތު އޭޝިއަން ގޭމްސްގައި ހޯދި މެޑަލްތަކުންވެސް އެކަން ސާބިތުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިންވަނީ 3 ރަން މެޑަލް ހޯދާފައެވެ. މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިމެޑަލްތަކަކީ ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް މިނިސްޓްރީއާއި ކުޅިވަރު އެސޯސިއޭޝަންތަށް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

މިހާރު އެމިނިސްޓްރީން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވަނީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުންކަމަށާ، މިއީވެސް ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ކުމިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވިއެވެ.

"މިހާރުވެސް ގަބޫލް ކުރަނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވިއްޖެކަމަށް. މީގެކުރިން ކުޅިވަރުގައި ނުލިބޭ ކާމިޔާބީތަށް މިހާރުވަނީ ލިބިފައި. މިހާރު އަޅުގަނޑުމެން މިކުރާ މަސައްކަތްތަށް ވަކިވަކިން ބަލާލިކަމަށް ވީނަމަވެސް އެކަން ފާހަގަވާނެ. މިހާރު ކުރިއަށް އެބަދޭ ވޯލްޑް ޗެންޕިއަންޝިޕް ބިލިއާޑް މުބާރާތް ބޭއްވޭ ފެންވަރުގެ ތަނެއް ގާއިމް ކުރުމުގެ މަސައްކަތް. ހޭންޑް ބޯލްގެ ފުރަތަމަ އިންޓަރނޭޝަނަލް ކޯޓްއެއް އަޅުމުގެ މަސައްކަތް ދަނީ ކުރިއަށް. ޓޭބަލް ޓެނިސްގެ ބިން، ވޮލީގެ ބިން މިހާރު އޮތީ ހޯދިފަ. ބާސެކެޓްގެ އިންޑޯ ސްޓޭޑިއަމް، ސްވިމިންގް ޕޫލްގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ގަބޫލްކުރަން އަދި އެކުވެނީގައި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް. ކުރިން އަޅުގަނޑުމެން ބެލީ 11 ނޮވެންބަރަށް ނިންމާލަން، ނަމަވެސް އުއްމީދަކީ ވީހާވެސް އަވަހަކަށް އެމަސައްކަތްތަށް ނިންމާލުން. މިފަދަ ބައިވަރު މަސައްކަތް އެބަދޭ ކުރިއަށް. ކުޅިވަރަށް އިންގިލާބީ ބަދަލްތަކެއް އަންނާނެ މަސައްކަތްތަކެއް އަޅުގަނޑުމެން މިދަނީ ކުރަމުން." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިފައިވީނަމަވެސް، ސްޕޮޓްސް މިނިސްޓްރީން މިހާރު މަސައްކަތް ކުރައްވަމުންދަނީ ގޭމްސް ފަސްކުރުމަށެވެ. ގޭމްސް ފަސް ކުރިނަމަވެސް، ކުޅިވަރުގެ ވަސީލަތްތަށް ތަރައްގީ ކުރުމަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.