ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް އެދި ޕީޖީއަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަރީ ކޮމިޓީން އެކުލަވާލި މި ރިޕޯޓަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ޢަމަލުކޮށްފައިވާގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައިދެވެންދެން އެމައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މިރިޕޯޓް ތަޅުމަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ. އެހެން ކަމުން މިރިޕޯޓް މިހަފްތާގައި މަޖިލީހުގެ ތަޅުމުން ފާސްކުރާނެކަމަށް ބެލެވެއެވެ.
ޕީޖީއާއި އޭސީސީއާއި ފުލުހުން ދިން މައުލޫމާތުތައް ދިރާސާކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން އެކުލަވާލައި ރިޕޯޓްގައި ތިން ހުށަހެޅުމަށް އެކޮމިޓީން ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާއި ފުލުހުން ފަދަ ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ.
ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށްފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާމެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.
ވެންޓިލޭޓަރު މައްސަލާގައި ޖުޑީޝަރީ ކޮމިޓީން ދިރާސާކުރިއިރު ފާހަގަކުރެވުނު 5 ނުކުތާއެއްވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ ދައުވާނުކުރުމަށް ނިންމާފައެވެ.
ސަބަބެއްކަމަށް ޕީޖީ ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތުމުންކަމަށެވެ. އަދި މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.