ޚަބަރު

ސުނާމީ ބިނާ މައިޒާން ހުންނަ ސަރަހައްދު މިއަހަރު އެކަނިވެސް 5 ފަހަރު މަރާމާތު ކުރެވިއްޖެ: މޭޔަރ ސިފާ


މިއަހަރުގެ މިހާތަނަށް އައިއިރު ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދު ފަސްވަރަކަށް ފަހަރު މަރާމާތުކޮށްފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސުނާމީ ބިނާ މައިޒާނުގައި މޫދާ ދިމާލުން ވެލިގަނޑު ދަމައިގަނެގެންގޮސް ވަކި ހިސާބެއްގައި ގާތަށް ނެއްޓިފައިވާއިރު މިކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު ފަސްފަހަރެއްގެ މަތިން އެ ސަރަހައްދު މަރާމާތުކޮށްފައިވާކަމަށެވެ.

ސުނާމީ ބިނާ މައިޒާން ހުރި ސަރަހައްދުގެ ތޮށިގަނޑާ ކައިރިން ގާތައް ނެއްޓި ވެލިގަނޑު ގިރާފައިވަނީ ރާޅުޖެހުމާއި ތޮށިގަނޑުގެ އަޑީގައިވާ ވެލިގަނޑު ރާޅާއެކު ދަމައިގެންދާތީކަމަށް ބެލެވެއެވެ. ގަދަވަޔާއި ވިއްސާރައާއެކު އޮއިބާރުވެ އެސަރަޙައްދުން ދަތުރުކުރާ ދޯނިތަކުން ޖެހި ތޮށިގަނޑާ ދިމާލުން ޖަހާފައިހުރި ފެންސްތަކަށާއި ތޮށިގަނޑަށްވެސް ބޮޑެތި ގެއްލުންތައް ވެއެވެ.

ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ޤައުމުތަކަށް އެރި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ. މިބިނާ ފުރަތަމަ ބަހައްޓާފައިވަނީ ލޮނުޒިޔާރަތްކޮޅުގައެވެ. އެހެންނަމަވެސް ސިނަމާލެ ބްރިޖް މަޝްރޫގެ މަސައްކަތް ކުރުމަށްޓްކައި އެ ބިނާ ތިން ރުއްޕާކު ސަރަޙައްދަށް ބަދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ސުނާމީ ބިނާމައިޒާން ޢާއްމުނަށް ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ފަދަ ގޮތަކަށް ތަރައްޤީކޮށް ހުޅުވާލާފައިވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.