ޚަބަރު

އެއަރޕޯޓް މަޝްރޫއާއެކު ހޯރަފުއްޓަށް ބޮޑު ޢީދެއް


2019 ވަނަ އަހަރު އޭޕްރީލްމަހު ހޯރަފުށީ ފަޅުން 16ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި އުންމީދީ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ފެށިތާ ދޮޅު އަހަރު ވީއިރު، މިހާރުމިވަނީ މީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބުމާއި ދާދި ގާތުގައެވެ.

ސިއްޙީ އެހީ ހޯދުމަށާއި، އެއަރޕޯޓްގެ ޚިދުމަތް ހޯދުމަށް ކުރަމުން އައި ދިގު ދަތުރުތައް، ގައްލަންދޫ ކަނޑު ހުރަސްކޮށް ކުރަމުން އައީ އެތައް ބިރުވެރިކަމެއްގައި ތިބެގެންނެވެ. ހއ.ދިއްދުއައީ ކުޅުދުއްފުއްޓަށް ބޭސްފަރުވާއަށްދާން ކުރާ ދަތުރުތަކާއި، އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތް ހޯދުމަށް ކުރާ ދަތުރަކަށް ލޯންޗުގައި ގަޑިއެއްހާއިރު ހޭދަވާ ދަތުރިތަކެކެވެ. ކަނޑުގަދަވެއްޖެނަމަ އެއަށްވުރެ ގިނަ ވަގުތުނަގައެވެ.

"ގަޑިއިރެއްގެ ލޯންޗު ދަތުރެއް މިކުރަނީ 3000އެއްހާ ރުފިޔާ ޚަރަދުކޮށްފައި. ބޭނުން ކޮންމެ ގަޑިއަކު ދަތުރު ނުކުރެވޭ އިރުވެސް އާދޭ. މޫސުން ގޯސްވާ ދުވަސްވަރު ޚިދުމަތް ހޯދުމަކީ ވަރަށް ދަތިކަމެއް." ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވިއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް އަޙުމަދު ވަހީދު ވިދާޅުވީ އެއަރޕޯޓް މަޝްރޫޢާއިކު ރަށުގެ ރައްޔިތުންގެ ގުޅުންވެސް ވަރަށް ބޮޑަށް ބަދަހިވާން ފަށާފައިވާކަމަށެވެ. އެގޮތުން ވަކި ކުލައަކަށް ފިކުރަކަށް ބެލުމެއް ނެތި މި މަސައްކަތުގައި އެއްބައިވަންތަކަމާއިއެކު ރައްޔިތުންދަނީ އުޅެމުންނެވެ.

އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ އެއަރޕޯޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތުގައިވެސް ރަށުގެ އެތައް ރައްޔިތުންނެއް އަންނަނީ ޝާމިލްވަމުންނެވެ. ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން ރެއާއި ދުވަލު އަންނަނީ، އެމްޓީސީސީއާއިއެކު ސައިޓުގައި މަސައްކަތްކުރަމުންނެވެ. ރަށުގެ ފަސްދޮޅަހެއްހާ މީހުން މިހާރުވެސް ސައިޓްގައި ކޮންމެ ދުވަހަކުވެސް މަސައްކަތުގައި ހަރަކާތްތެރިވެއެވެ.

"މިއީ ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް. ޒުވާނުންނާ، އެކި އުމުރުގެ މީހުން ހަމަ ގިނަ ވަގުތު މި ހޭދަކުރަނީ މި މަސައްކަތުގައި މަސައްކަތް ނިންމުމަށް. ގާތްގަނޑަކަށް ރަށުގެ 60ވަރަކަށް މީހުން މިހާރުވެސް ސައިޓުގައި މަސައްކަތްކުރޭ." ސައިޓުގައި މަސައްކަތްކުރާ ހޯރަފުށި ޒުވާނަކު ބުންޏެވެ.

ހޯރަފުއްޓަށް ބަލާލަމުން ފެންނަނީ ބޮޑު އީދެއް އައިސްގެން އުޅޭ މަންޒަރެވެ. ރަށުގެ ހުންނަ ސަރުކާރާއި އަމިއްލަ މުޢައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި އަމިއްލަ މީހުން ގުޅިގެން ކޮންމެ ދުވަހަކުހެން އެއަރޕޯޓް މަސައްކަތް ކުރިއަށްދާ ސައިޓަށް ސަޔާއި ކެއުންތައް ގެންދެއެވެ. އަދި އެއަރޕޯޓް ފެހިކުރުމަށް ރުއްގަސް ޖެހުމުގެ މަސައްކަތުގައިވެސް މުޅި ރަށް އޮތީ ޝާމިލްވެފައެވެ.

ހޯރަފުށީގެ އިތުރަށް ކައިރި ރަށްރަށުންވެސް މިމަސައްކަތަށް ހިތްވަރުދިނުމަށް ހޯރަފުއްޓަށް ދަތުރުކޮށް، އެއަރޕޯޓް ފެހިކުރުމުގެ މަސައްކަތުގައިދަނީ ޝާމިލްވަމުންނެވެ. ކައުންސިލުން ވިދާޅުވީ ހއ.ގެ ރަށްރަށުގެ އިތުރަށް ށ.އަތޮޅުގެ ބައެއް ރަށްރަށުންވެސް އެއަރޕޯޓަށް ގަސް ހަދިޔާކޮށްފައިވާކަމަށެވެ.

"ދިގުދަތުރެއް، އަނެއްކާ އަތުން ވަރަށް ބޮޑު ހޭދައެއްއެބަދޭ ހަނިމާދުއިން މާލެ ދާން. މިރަށުން ޑައިރެކްޓްކޮށް މާލެއަށް ދަތުރުކުރެވޭގޮތް ވާތީ ވަރަށް އުފާވޭ. މިއީ އިޖްތިމާއީ ގޮތުންނާއި، އަދި އިޤްތިޞާދީގޮތުން ރަށަށް ބޮޑެތި ކުރިއެރުންތައްލިބި، ގެސްޓްހައުސް ވިޔަފާރިތައްފަދަ ވިޔަފާރިތައްވެސް ރަށުގައި ފެށުމަށް ހުޅުވިގެންދާ މަގަކަށްވާނެ" ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ހޯރަފުށީ އެއަރޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ނިމި މިހާރު ކުރަމުންދަނީ ޓަރމިނަލް އެޅުމުގެ މަސައްކަތެވެ.

އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ ހުރިހާ މަސައްކަތެއް ނޮވެމްބަރު 8 ވަނަ ދުވަހަށް ނިންމުމަށް އެ ކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ. ހޯރަފުށީ އެއަރޕޯޓަށް ދަތުރުތައްފެށުމަށް ސަރުކާރުން ތައްޔާރުވަމުންދަނީ ނޮވެމްބަރު 11ވަނަ ދުވަހުއެވެ..