ދުނިޔެ

ފުރާނަ ސަލާމަތްކުރަން ދިޔައީ، އެނބުރި އައިއިރު ވީރާނާވެފައިވާ ސަހަރެއް


ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި ޙަމަލާ ބަދަލުކުރަމުންދާ ދެ ފަރާތުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ގެދޮރު ދޫކޮށް މީގެ އެތައް އަހަރެއް ކުރިން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަޙައްދުތަކަށް ބަދަލުވި ލީބިޔާގެ ދެ ސަރަޙައްދެއްގައި ދިރިއުޅެމުންދިޔަ ދެ ޢާއިލާކަމުގައިވާ ބައުޒިދާއި ޢަލީގެ ޢާއިލާ މިހާރުވަނީ އެނބުރި އަމިއްލަ އަވަށަށް އައިސްފައެވެ.

ލީބިޔާގެ ގިނަ ޢާއިލާތަކެކޭ އެއްގޮތަށް ބައުޒިދާއި ޢަލީ ޢާއިލާގެ ގާތްތިމާގެ މީހުންވެސްވަނީ ހަނގުރާމައިގައި މަރުވެފައެވެ. ގާތްގަނޑަކަށް ދިހަ އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން އެ ޢާއިލާތަކުގެ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ދިރިއުޅުމާއި މެދު ދެކެމުން އައި ފޮނި ހުވަފެންތައްވަނީ ނިމުމަކަށް އައިސްފައެވެ.

ފަހުގެ ދުވަސްތަކުގައި ހަނގުރާމައިގެ ޙަމަލާތައް ބޮޑަށް ބަދަލުކޮށްފައިވަނީ ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކުގައެވެ. އެ ސަރަޙައްދުތަކުގައި ހަނގުރާމައިގެ ކުޅިވަރު އިތުރުވީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީއިން އދން ބަލައިގެންފައިވާ ލީބިޔާގެ ވެރިކަންކުރާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭގެ ބާރުގެ ދަށުގައި އޮންނަ ވެރިރަށް ތުރާބުލުސް ހިފުމަށް ފެށި 14 މަސް ދުވަހަށް ދެމިގެން ދިޔަ މަސައްކަތުގެ ސަބަބުންނެވެ.

ލީބިޔާގައި ދާއިމީ ގޮތަކަށް ހަމަޖެހުން ޤާއިމްކުރުމަށް އަދިވެސް ގިނަ ހުރަސްތަކެއް ހުރި ނަމަވެސް ބައުޒިދު އާއިލާއިންވަނީ މިދިޔަ ޖޫން މަހުގައި ވެރިކަންކުރާ ތުރާބުލުސްގައި ޙަމަލާ ބަދަލުކުރުން ހުއްޓުމަކަށް އައުމުން އެމީހުންގެ ޢާއިލީ ދަނޑަށް އެނބުރި ގޮސް އަލުން ދިރިއުޅުން އާރާސްތުކުރުމުގެ މަސައްކަތް ފަށައިފައެވެ.

އުމުރުން 45 އަހަރުގެ މުޙައްމަދު ބައުޒިދު ބުނީ ހަނގުރާމައިގެ ކުރީގައި މުޙައްމަދާއި އޭނާގެ މައިންބަފައިން ސައި ބޯން ތިބޭއިރު ފެންނަ ހިތްގައިމު މަންޒަރަކީ އެ ޢާއިލާގެ ދަނޑުތައްކަމަށެވެ. ނަމަވެސް ހަނގުރާމަ ފެށުމުން އަމިއްލަ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވިކަމަށާއި ދެން އަނބުރާ އައި އިރު މުޅި ދިރިއުޅުން ފުނޑުފުނޑުވެ އަލުން ސުމަކުން އާރާސްތު ކުރަން ޖެހިފައިވާކަމަށެވެ.

ދަނޑު ހިމެނޭ ސަރަޙައްދާއި އެ ދަނޑު ހިމެނޭ އަވަށުން ހަނގުރާމައިގެ ހިތި ނަތީޖާ ސާފުކޮށް ފެނެއެވެ. އަވަށުގެ ކަރަންޓު ނަރުތައްވަނީ ކަނޑާލައިފައެވެ. ފިހާރަތަކާއި ގެދޮރުތައްވަނީ ބިމާ ހަމަވެފައެވެ. އަވަށާއި ކުޑަކޮށް ދުރުގައި އޮންނަ ދަނޑުވެސް އޮތީ އެފަދަ ޙާލަތެއްގައެވެ.

ކުޑައިރުންސުރެ އެ ދަނޑަކަށް ފެންދީ ޚިދުމަތްކުރުމުގައި އުޅުނު މުޙައްމަދު ބުނީ މިދިޔަ އަހަރުގެ ތެރޭގައި ހަފްތާރުގެ އެލްއެންއޭއިން ތުރާބުލުސް ހިފުމަށް މަސައްކަތް ފަށާ ޙާލަތު ގޯސްވާން ފެށުމުން ދަނޑު ދޫކޮށް ދިޔުމަށް އެ ޢާއިލާއަށް މަޖުބޫރުވިކަމަށެވެ. އެމީހުން އެނބުރި އައުމަށް ނިންމީ ޙަފްތާރުގެ ފައުޖުތަކުން ފަހަތަށް ޖެހުމުންނެވެ.

ދަނޑަށް އެނބުރި އައި އިރު އެތައް އަހަރެއް ވަންދެން ނުހަނު ލޯބިން ހެއްދި ބިޔަ ގަސްތައްވަނީ ހިކިގެން ގޮސް މަރުވެފައިކަމަށް މުޙައްމަދު ކިޔައިދިނެވެ. ދަނޑަށް ފެހިކަން ގެނައުމަށް ކުރަމުންދާ މަސައްކަތުން އެތަން ސާފުކުރުމުގެ ތެރޭގައި ދިހަ ގޯނި ފުރޭ ވަރަށް ބޭނުންކޮށްފައިވާ ވަޒަން ދަނޑުން ފެނިފައިވާކަމަށް މުޙައްމަދު ބުންޏެވެ.

ދަނޑުގައި ބޭނުންކުރުމަށް ކަރަންޓާއި ފެން ނުލިބޭތީ ބައުޒިދު ޢާއިލާއިން ބޭނުންކުރަނީ އަމިއްލައަށް ކޮނެފައިވާ ވަޅަކާއި ބޭނުންކޮށްފައިވާ ޖަނަރޭޓަރެކެވެ. މުޙައްމަދުގެ ބައްޕަ، އުމުރުން 70 އަހަރުގެ ޔޫނުސް ބުނީ ދަނޑުން މިހާރު ފެންނަ މަންޒަރަކީ އަމިއްލަ ހިތްވަރާއި އަތުގައި ރައްކާކޮށްފައިހުރި މަދު ފައިސާކޮޅުން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ. އޭނާ ބުނީ އޭނާއާއި ޢާއިލާއިން ބޭނުންވަނީ ލޭ އޮހޮރުވުންތައް ނިމުމަކަށް އައުމަށްކަމަށެވެ.

ނޭޓޯގެ އެހީތެރިކަމާއެކު ލީބިޔާގެ އޭރުގެ ލީޑަރު މުއައްމަރު ގައްޛާފީއާއި ދެކޮޅަށް 2011ވަނަ އަހަރުގައި ބަދަލުކުރި ޙަމަލާތަކުގައި ބެންޒާގީއާއި އެނޫންވެސް އެހެން ސިޓީތަކުގެ ބޮޑު ބައެއްވަނީ ހަލާކުވެ ވީރާނާވެފައެވެ. އޭގެ ފަހުން 2014ވަނަ އަހަރުގެ ތެރޭގައި ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި ހަނގުރާމަ ފެށުމުން ލީބިޔާގެ އިރުމަތީގައި އޮންނަ ބެންޒާގީގައި ދިރިއުޅޭ ޢަލީ ޢާއިލާއަށްވެސް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވިއެވެ.

އަމިއްލަ ގެއަށް އަނބުރާ އައުމަށް ހިތްއެދޭ ވަރު ބޮޑުކަމުން، ރަސްމީ ފަރާތްތަކުން ގޮވާތަކެއްޗާއި މައިންފަދަ ތަކެތި ހުރެދާނެކަމަށް ދެމުންދިޔަ އިންޒާރުތަކަށް ނުބަލައި އެ ޢާއިލާއިން 2018ވަނަ އަހަރުވަނީ އަނބުރާ ގެއަށް ގޮސްފައެވެ. މަންމައާއި ފަސް ބޭބެއާއެކު ވީރާނާވެފައިވާ ސަރަޙައްދެއްގައި ހުންނަ އެޕާޓުމަންޓެއްގައި ދިރިއުޅެމުންދާ ނާސިރާ އަބްދުﷲ ޢަލީ ބުނީ ހަތަރު މައިނެއް ގޮވާ މަންޒަރު އަވަށަށް އެބުރި އައުމަށްފަހު އޭނާގެ ހަމަ ލޮލަށް ފެނުނު ކަމަށެވެ.

ނާސިރާގެ ޢާއިލާ ދިރިއުޅޭ އެޕާޓްމަނޓު ވަށައިގެންވަނީ ވީރާނާވެފައިވާ އިމާރާކްތަކާއި ވަޒަނުގެ ނިޝާންތަކުން ފުރިފައިވާ ފާރުތަކެކެވެ. އުމުރުން 30 އަހަރުގެ ނަސްރާ އޭނާގެ ޢާއިލާއާއެކު އަމިއްލަ އަވަށް ދޫކޮށް އެހެން ސަރަޙައްދެއްގައި ގިނަ އަހަރުތަކެއް ހޭދަކުރިއެވެ. އެނބުރި އައި އިރު އެ ޢާއިލާއިން އާމްދަނީ ހޯދުމަށް ހިންގަމުން ދިޔަ ސުޕަމާކެޓުވެސްވަނީ ބިމާ ހަމަވެފައެވެ.

އެމީހުންގެ އެޕާޓްމަންޓުގެ ބައެއް ވަރަށް ބޮޑަށް ހަލާކުވެފައިވާ ނަމަވެސް މަރާމާތު ކޮށްލައިގެން ނޫޅެވޭ ވަރެއް ނުވެއެވެ. އާމްދަނީ ހޯދުމަށް ނުރަސްމީ މަސައްކަތްކޮށް، ދިރިއުޅޭ އެޕާޓްމަންޓަށް އަމިއްލައަށް ކަރަންޓުދީ ފެން ގެންނަން ޖެހުނު ނަމަވެސް އެ ޢާއިލާ ތިބީ އުފަލުންކަމަށް ނާސިރާ ބުންޏެވެ. ގެއަށް އަނބުރާ އާދެވުމަކީ އުފާވެރި އިހުސާސެއްކަމަށް ނާސިރާ ކިޔައިދިނެވެ.

މިދިޔަ ހަފުތާގައި ލީބިޔާގެ ހަނގުރާމައިގެ ދެ ފަރާތުގައިވާ ޖީއެންއޭއާއި އެލްއެންއޭއިންވަނީ ޙާމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. އަންނަ މަހުގެ ތެރޭގައި ލީބިޔާގެ ސިޔާސީ މައްސަލަތަކަށް ދާއިމީ ނިމުމެއް ގެނައުމަށް އދ.ން ބައްދަލުވުމެއް ބާއްވައި އިންތިޚާބެއް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް މީގެ ކުރިންވެސް ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ ވާހަކަތައް އެތައް ފަހަރަކު ނާކާމިޔާބުވެފައިވާ ލީބިޔާގެ ރައްޔިތުން އަދިވެސްތިބީ މިފަހަރަގު ވާހަކަތަކުން ތަފާތު ނަތީޖާއެއް ނިކުމެދާނެކަމަށް ޤަބޫލުކުރުމަށް އަދިވެސް ޖެހިލުންވެފައެވެ.