ކުޅިވަރު

ސެލްޓިކް ލިލޭ މެޗު އެއްވަރުވެ ، މިލާނަށް އެއްވަނައިގަ ދެޕޮއިންޓުގެ ލީޑެއް


ޔޫރަޕާލީގުގައި ސްކޮޓްލެންޑްގެ ސެލްޓިކް ވާދަކުރި މެޗު އެއްވަރުވެ މިލާނުން ގުރޫޕްގައި އެއްވަނައިގަ ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ފްރާންސްގައި ކުޅުނު މެޗުގައި ލިލޭ އާއި ސެލްޓިކް އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މުހަންމަދު އަލްޔޫނިސީގެ ދެނލަޑުން ލީޑް ނަގާފަވަނިކޮށް މިހާފްނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލިލޭ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ނަގާލާފައެވެ. ފުރަތަމަ ހާފްގެ ފަހުކޮޅު ލިލޭއަށް ލިބުނު ޕެނެލްޓީ ޖޮނަތަން ޑޭވިޑްވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ.

މެޗުގައި ލިލޭގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޒެކީ ސެލިކް އަދި ފަހު ލަނޑު ޖޮނަތަން އިކޯން ކާމިޔާބުކޮށް މި ސީޒަންގައި ބަލިނުވުމުގެ ރެކޯޑް ލިލޭއިން ވަނީ ދަމަހައްޓާފައެވެެ. މިއީ މިގުރޫޕްގައި ސެލްޓިކުން ހޯދި ފުރަތަމަ ޕޮއިންޓްއެވެ. 2012 ވަނައަހަރު އޯގަސްޓުމަހު ގައި ޔޫރަޕުގައި ލިލޭ މޮޅުވިފަހުން އެޓީމުގެ އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 13 މެޗުވެސް އެޓީމަށް ވަނީ ކާމިޔާބު ނުކުރެވިފައެވެ. ޔުރަޕާ ލީގުގައި އެންމެފަހުން ރަށުން ބޭރުގައި ސެލްޓިކް ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ.

ރޭ މިގުރޫޕްގައި އިޓަލީގެ އޭސީ މިލާންއާއި ރިޝިޔާގެ ސްޕާޓާ ޕްރާ ވާދަކުރި މެޗު 3-0 ލަނޑުން ކާމިޔާބުކުރީ އެސީ މިލާންއެވެ. މެޗުގައި އޭސީ މިލާނަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒް ، ރަފޭލް ލިއާއޯލް އަދި ޑިއެގޯ ޑަލޮޓްއެވެ. މެޗުގައި މިލާނަށް ލިބުނު ޕެނެލްޓީއެއް އިބްރަހިމްވިޗްއަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މިނަތީޖާއެކު މިލާނުން ގުރޫޕްގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކުއެވެ. ހަތަރު ޕޮއިންޓާއެކު ލިލޭ ދެވަނައިގަ އޮތްއިރު ސެލްޓިކް ތިންވަނައިގަ އޮތީ އެއްޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގަވާ ސްޕާޓާއަށް ޕޮއިންޓެއް އަދި ނުލިބެއެވެ.