ވިޔަފާރި

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މިނިސްޓަރ ނަހުލާއާ މަޝްވަރާކޮށްފި


މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާއެކު މަޝްވަރާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހްއާއި މަސީގެ ބޯޑު މެންބަރުން ވަނީ ބައިވެރިވެވަޑައިގަތެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރު މާލޭގެ ޓްރެފިކްއަށް ވަރަށް ބޮޑު ދަތިކަމެއް ދިމާވާކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާއިރު "ފްލެގް މޭން" ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ މަސީން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރ ނަހުލާއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ފްލެގްމޭން ބޭތިއްބޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމުގައި ހުރި ކަންބޮޑުވުންތައްވެސް މިނިސްޓަރާ ވަނީ ހިއްސާކޮށްފައެވެ. ޖަނާހް ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ ވަރަށް ބޮޑު އިންސައްތައެއް އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާކަމަށެވެ. އަދި އެމީހުން އެއްތަނުން އަނެއްތަނަށް ގަވާއިދުގެ ދަށުން ގެންދިއުމަކީވެސް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މިކަމުގައި އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް މަސީއާއި ގުޅިގެން ކުރެވޭނީ ކޮންކަމެއްތޯވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ޖަނާހް ވިދާޅުވިއެވެ.

މާލޭގައި ޕާކުކުރާއިރު ކޮންސްޓްރަކްޝަން ސައިޓްތަކުގެ ކުރިމަތީގައި ޕާކުކުރުމަކީ ދިމާވާ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ޖަނާހް ވިދާޅުވީ، ވެހިކަލްތަކަށް އޭގެ ގެއްލުން ލިބޭފަހަރުވެސް އަންނަކަމަށެވެ. އެހެންކަމުން އިމާރާތްތަކުގައި މަސައްކަތްކުރަމުންދާއިރު އެ ސަރަހައްދަކުން ވެހިކަލެއް ނެތް ގޮތަށް ކްލިއަރކޮށްފައި ބެހެއްޓުމާއި، ވެހިކަލްތަކުގައި ކޮންސްޓްރަކްޝަން ސާމާނު ބާލާއިރު މަގު ބްލޮކްނުވެ، އެކަންކަން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ނަހުލާއާއެކު މަސީން ވަނީ މަޝްވަރާކޮށްފައެވެ.