ޚަބަރު

ޕޮމްޕެޔޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އިދިކޮޅު ކޯލިޝަނުން މަރުހަބާ ކިޔައިފި


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެޔޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައިފިއެވެ.

މިކަން ހާމަކޮށް އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ގާތް ބައިވެރިއެއްކަމަށާއި ޕޮމްޕެއޯގެ މިދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތަނުގައިވެސް ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށެވެ.

ޕޮމްޕެޔޯގެ މިދަތުރުފުޅުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ދެ ޤައުމުގެ ދެމެދު މަޝްވަރާކޮށް ހެޔޮބަދަލްތަކެއް އަންނާނެކަމަށް އުންމީދުކުރާކަމުގައިވެސް ޕީޕީއެމްއާއި ޕީއެންސީން އުންމީދުކުރާކަމުގައިވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހުންނެވި ކަން ފާހަގަކޮށް ޤާނޫނާއި ޒަމާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި ދިވެހި ރާއްޖެއިން އެ އުޞޫލުން ކަންކަން ހިންގުމާއި ބެހޭގޮތުން ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނުކަމަށް އުންމީދުކުރާކަމުގައިވެސް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.

ސަރުކާރުން ނަގާފައިވާ ލޯންތަކާއި އިޤްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ރަނގަޅު ހަރުދަނާ އުސޫލުތަކެއް ގެންނަޖެހޭކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށް އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ބޭނުންވާކަމަށާއި އެކަންކަމަށް އެމެރިކާފަދަ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަންވެސް ޕީޕީއެމް ޕީއެންސީން ވަނީ މި ބަޔާނުގައި ފާހަގަކޮށްފައެވެ.