ޚަބަރު

ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ހުވަދުއަތޮޅުގެ ކަނޑުގެ ސަރަޙައްދަށް ވެއްޓިއްޖެ


ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް ހުވަދުއަތޮޅުގެ ކަނޑުގެ ސަރަޙައްދަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ވެެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.

މި ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއްވެސް ދިމާވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިޑާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަރނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މަޢުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް މިއަދު ހެނދުނު 10:08 ހާއިރު ދިނުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވެފައިވާކަމަށެވެ.

ބެލޫން ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަޙައްދަށް ގޮސް، އެ ބެލޫން ހޯދާފައިވާކަމަށާއި، އެ ބެލޫން ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެ ހޯދުމުގެ އޮަޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެންނެވެ.