ޚަބަރު

މާލޭ މަގުތަކުގައި އުނދަގޫވާގޮތަށް ބަހައްޓާފައިހުރި ޕެލެޓުތައް ނަގަން ފަށައިފި


މާލޭގެ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފަހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ސިޓީކައުންސިލުން ނަގަމުންދަނީ މަގުތަކުގައި ހިނގާމީހުންނަށާއި، ދުއްވާ އުޅަނދުތައް ޕާކުރުމަށް ދަތިވާގޮތަށް ބަހައްޓާފައިހުރި ޕެލެޓުތަކެވެ.

މާލޭގެ ބައެއް މަގުތައް ކުޑަވުމާއި ހަނިވުމުގެ ސަބަބުން މަގުތަކުގެ ޖާގައިގެ މައްސަލައަކީ މާލެއަށް އަބަދުވެސް ދިމާވަމުން އަންނަ ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ހިނގާމީހުންނަށް އުނދަގުވާގޮތަށް ޕޭމަންޓުމައްޗާއި، މަގުތަކުގެ ޕާކިން ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓުތަކާއި ކޮންޝްޓްރަކްޝަން މަސައްކަތްކުރާ ސާމާނުތަކުގެ ސަބަބުން އެތައް ގޮތަކުން ދަތިތައް ދިމާވެއެވެ.

މަގުތަކުގައި ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން މިދިޔަ އަހަރުވެސް މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގެ މަސައްކަތްތައްކެއްވަނީ ކުރިއަށްގެންގޮސްފައެވެ.

ސިޓީކައުންސިލުން މިއަހަރުވެސް މިވަނީ މަގުތަކުގައި މީހުންނަށް އުނދަގޫވާގޮތަށާއި، ޕާކިންގ ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.

ޕީޢެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ސިޓީކައުންސިލްގެ މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ ޕެލެޓުތައް ނަގާނެކަން މިމަހުގެ 25 ވަނަ ދުވަހު އަންގާފައިވާނެކަމަށެވެ. އަދި ޕެލެޓުތައް ސިޓީކައުންސިލުން ނަގަން ފަށާފައިވަނީ، އެ ތަކެތި ނެގުމަށް ވެރިފާރާތައް އެއް ހަފްތާގެ މުޙުލަތެއް ދީފައިކަމަށެވެ. ޝަރީފް ވިދާޅުވީ މަގުތައް ހަޑިވާގޮތަށާއި، ޕެލެޓު ހަލާކުވެގެން އާއްމުންނަށް ގެއްލުންވާގޮތަށްހުރި ޕެލެޓުތައްވެސް ހުރިކަމަށެވެ.

"އެބަހުރޭ މަގުމަތީގައި ހަލާކުވެ މޮހޮރުތައް ނިކުމެފައި ހުންނަ ޕެލެޓުތައް، މީހުންނަށް ގެއްލުންވާގޮތަށް. މިގޮތަށް ހުންނަ ޕެލެޓު ނަގަނީ. ގަރާޖު ކުރިމަތީ، މަގުގެ ކަންމަތީ ޕޭމަންޓަށް އަރަން ބޭނުންކުރާ ޕެލެޓެއް ނުނަގަން." ޝަރީފް ވިދާޅުވިއެވެ.

މަގުމަތީގައި ބަހައްޓާފައިހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މާލޭގެ ހުރިހާ ސަރަޙައްދުތަކުގައިވެސް މިގޮތަށް ބަހައްޓާފައިހުރި ޕެލެޓުތައް ނަގާނެއެވެ. އަދި އެއްދުވަސްތެރޭ ޕެލެޓުތައް ނަގާ ނިމޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިދިޔަ އަހަރުވެސްވަނީ މިގޮތަށް މަގުތަކުގައި ހުރި ޕެލެޓުތައް ނަގާ، މަގުތައް ސާފުކޮށްފައެވެ. އެ ބުރުގައި މަގުމަތިން 900 ޕެލެޓް ނެގިކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.