ޚަބަރު

ހޮނިހިރު ދުވަހު ކައްދޫގައި ހަތިޔާރާއިއެކު ސިފައިންގެ ޚާއްސަ ތަމްރީނުތަކެއް ފަށަނީ


އަންނަ ހޮނިހިރު ދުވަހު ސިފައިންގެ ޚާއްސަ ތަމްރީނުތަކެއް ލ.ކައްދޫގައި ހުންނަ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ތަމްރީން ޕްރޮގްރާމްގައި ބަޑިޖެހުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އެގޮތުން މިތިންދުވަހުގެ އިރު އޮއްސި 6:00 އިން ރޭގަނޑު 12:00އާ ހަމައަށް ތަމްރީން ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ހަތިޔާރުގެ ގޮތުގައި ފިސްތޯލައާއި ރައިފަލްއާއި މެޝިންގަންގެ އިތުރުން ފްލެޔަރސް ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިތަމްރީންތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރު މިނަކީ 5000 މީޓަރުގެ ސަރަޙައްދެއްގައިކަމަށާއި ވައިގެ ސަރަޙައްދުން އެންމެ އުސްމިނުގައި ބޭނުންކުރާނީ 300 މީޓަރުގެ ސަރަޙައްދެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެންމެ ތިރިން ސީ-ލެވެލްއަށް ވަޒަން ދަތުރުކުރާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ބޭނުންކުރާނީ ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިންގ ސެންޓަރުގެ ރޭންޖްއިން އިރު ދެކުނު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.