ޚަބަރު

ދާރުލްޢުލޫމަށް 70 އަހަރު، ތާރީޚީ މުހިންމު ގިނަ ކަންތައްތަކަކާއި ގުޅިފައިވާ ބިނާއެއް


ދިވެހިރާއްޖެއަކީ މުއްސަނދި ތާރީޚެއް ލިބިގެންވާ ޤައުމަކަށްވާއިރު ރާއްޖޭގައި ތާރީޚީ މުހިންމު ބިނާތަކެއްވެސް އެބަހުއްޓެވެ. މިފަދަ ބައެއް ބިނާތަކުގެ ވާހަކަ އެހާބޮޑަށް ނުދެކެވުނު ނަމަވެސް އެތަންތަނަކީ ތާރިޚީގޮތުން ބަލާއިރު މުހިންމު ގިނަ ކަންތައްތަކަކާއި ގުޅިފައިވާ ތަންތަނެވެ.

ރާއްޖޭގައި ހުރި ތާރީޚީ ބިނާތަކަށް ބަލާއިރު، މަޖީދިއްޔާ ސްކޫލްގެ ގޯތިތެރޭގައި ހުރި "ދާރުލް ޢުލޫމް" އަކީ އާންމުންނަށް އެހާ އާންމު ބިނާއެއް ނޫނެވެ. ނަމަވެސް މިއީވެސް ރާއްޖޭގެ ތާރިޚުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބިނާއެކެވެ.

ދާރުލް އުލޫމުގެ މާނައަކީ "ހައުސް އޮފް ނޮލެޖް"އެވެ. ދިވެހިބަހުން ކިޔާގޮތުންނަމަ އެއީ "ތަޢުލީމުގެ ގެ"އެވެ. މިއީ ކުރީ ޒަމާނުގައި މާލޭގައި ހުރި ދަޢުލަތުގެ އެންމެ މުހިންމު ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. އެގޮތުން މިއީ ރަސްމީ ބައްދަލުވުންތައްވެސް ބާއްވަމުން އައި މައި އެއް ބިނާއެވެ.

ދާރުލް އުލޫމު އިމާރާތް އެޅުމުގެ މަސައްކަތް ކުރެއްވީ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952ގައެވެ. ދާރުލް ޢުލޫމް ހުޅުވާފައިވަނީ ހިޖުރީގޮތުން، 12ރަބީޢުލްއައްވަލް 1382ގައެވެ. އެއީ މީލާދީން 1952ގައެވެ.

މި ބިނާއަކީ ދަޢުލަތުން ބާއްވާ މުހިންމު ބައްދަލުވުންތައް ބޭއްވުމަށް ބިނާކުރި ތަނެކެވެ. ޖަލްސާކުރާ ހޯލެއްގޮތަށް ހަދާފައިވާ މި ބިނާގައި ބޭއްވުނު އެންމެ މުހިންމު ހަރަކާތަކީ، އެތައް އަހަރެއްވަންދެން ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު ނިމުމަކަށްގެނެސް، 1 ޖެނުއަރީ 1953ވަނަ އަހަރުގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންއައި ތާރީޚީ ރަސްމިއްޔާތެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމީނާކިލެގެފާނު ވެރިކަމާއި ހަވާލުވި ތާރީޚީ ރަސްމިއްޔާތެވެ.

އޭގެ ފަހުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއި ދެމެދު ވީ "އޯލް ޕޯޓް" އެގްރިމެންޓްގެ އެއްބަސްވުންވެސް ޤާއިމުރީ، 1960ވަނަ އަހަރު ދާރުލް އުލޫމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

1960އާއި 1970ގެ އަހަރުތަކުގައިވެސް ދައުލަތާއި، ޤައުމީ ފެންވަރުގައި ބޭއްވި ބޮޑެތި ގިނަ ހަރަކާތްތައް މި އިމާރާތުގައި ބޭއްވިއެވެ. އެގޮތުން ރާއްޖޭގައި އޭރު ފޯރީގައި ބާއްވަމުން އައި ރީތީގެ މުބާރާތްވެސް ބާއްވާފައިވަނީ މި ބިނާ ހިމެނޭހެން، މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައެވެ. އަދި ބޭރުގެ ވަފުދުތަކާއި، ރާއްޖޭގެ އަތޮޅުވެރިންނާއި ބަންދޫބުން ބައިވެރިވެވަޑައިގެން މުޙިންމު އިޙުތިފާލުތައްވެސް ބޭއްވުމަށް ބޭނުންކުރީ މި އިމާރާތެވެ.

މިހާރުގެ މަޖީދިއްޔާ ގޯތިތެރޭގައި ހުރި މި އިމާރާތް އަދިވެސް އެގޮތުގައި ފެންނަން އެބަހުއްޓެވެ. މިއަހަރުގެ 12ރަބީޢުލްއައްވަލް ފާހަގަމިކުރަނީ ދާރުލް އުޅޫމްއަށް 70އަހަރު ފުރޭ އުފާވެރި މުނާސަބާގެ ގޮތުގައެވެ. ދާރުލް އުލޫމް ހުޅުވިއިރު މިހާރުގެ މަޖީދިއްޔާ ސްކޫލަކީ އޭރުގެ މަދުރުސަތުލް ސަނިއްޔާއެވެ. ދާރުލް އުލޫމު އިމާރާތް ތަޢުލީމު ދިނުމުގެ މަސައްކަތުގައިވެސް އެކި ގޮތްގޮތުން ބޭނުންކުރިއެވެ. މިހާރުވެސް މި އިމާރާތް ބޭނުންކުރަނީ މަޖީދިއްޔާ ސްކޫލްގައި ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކުގައެވެ.

ދާރުލް އުލޫމުއިމާރަތް ބޭނުންކުރަން ފެށުމުގެ ކުރިން މުހިންމު ޙަފްލާތައް ބާއްވަމުން ދިޔައީ ޤުރުއާނާބެހޭ މަރުކަޒު ހުރި އިމާރާތްތައްފަދަ އިމާރާތްތަކުގައެވެ. ދާރުލް އުލޫމުގައި ރަސްމީ ހަރަކާތްތައް ބޭއްވުން ހުއްޓުނީ 1984ގައި އިސްލާމީ މަރުކަޒު އިމާރާތްކޮށް ބޭނުންކުރަން ފެށުމުންނެވެ. އަދި އެއަށްފަހު 90ގެ ސާކްސަމިޓަށް އިމާރާތްކުރި ދަރުބާރުގެއަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ މަތީ ރަސްމީ އިޙުތިފަލުތައް ބާއްވަމުން އަންނަ އެންމެ މުހިންމު ބިނާއެވެ.

ދާރުލް އުލޫމު ފާހަގަވެގެން މިދަނީ ރާއްޖެއަށް ތާރީޚީގޮތުން މުހިންމު ބިނާއެއްގެގޮތުގައެވެ. މިފަދަ އާސާރީ ބިނާތައް ޙިމާޔަތްކޮށް، އެފަދަ ތަންތަނުގެ މަޢުލޫމާތު ފަސޭހައިން ފެންނާނެގޮތަށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.