ކުޅިވަރު

ޖަރުމަނުގެ ލީޕްޒިގް މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި



ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ފޯވާޑް މާކޯސް ރަޝްފޯޑް ތިންލަނޑާއެކު ޖަރުމަނުގެ ލީޕްޒިގް މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލީޕްޒީގުގެ މައްޗަށް ކުރި ހޯދީ 5-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މޭސަން ގްރީންވޫޑް ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކުރީގައި ވަނިކޮށް ބަދަލު ކުޅުންތެރިޔަށް ގޮތުގައި ނުކުމެ ރަޝްފޯޑް ވަނީ 16 މިނިޓުގެ ތެރޭގައި ތިން ލަނޑުޖަހާ މެންޗެސްޓަރ ޔުނައިޓެޑަށް ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މެޗުގައި ދެން ޔުނައިޓެޑަށް ލަނޑުޖަހައިދިނީ އެންތެނީ މާޝިއަލްއެވެ. މިއީ މިސީޒަންގައި މާޝިއަލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ރޭގައި ރަޝްފޯޑް ޖެހި ތިން ލަނޑާއެކު އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު ޗެމްޕައަންސްލީގުގެ ދެމެޗުގައި ހަތަރު ލަނޑުޖަހާފައެވެ. މިއީ ޔޫރަޕުގައި ޔުނައިޓެޑުގެ ކޯޗު އޮލަގަނަ ސޯލްޝެއަރ ހަމަކުރި 50 ވަނަ މެޗެވެ. ޔުނައިޓެޑުން މިހާތަނަށް އޭނާގެ ކޯޗުކަމުގައި ޔޫރަޕްގައި ކުޅުނު 18 މެޗުގެ ތެރެއިން 11 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މިއީ 2013 ވަނަ އަހަރުގެ މުބާރާތުގައި ބަޔާ ލެވަކޫސަން ކޮޅަށް 5 ލަނޑުޖަހާ މޮޅުވި ފަހުން ޔުނައިޑެޓުން މިވަރުގެ މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ލީޕްޒިގުގެ ޗެމްޕިއަންސް ލީގު ކުރުތާރީހުގައި އެޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިމޮޅާއެކު ގުރޫޕްގެ ކުރީގައި ޔުނައިޓެޑު އޮތީ ހަ ޕޮއިންޓާއެކު ޕީއެސްޖީ އާއި ލީޕްޒިގަށް ތިން ޕޮއިންޓް ލިބިފަވާއިރު ގުރޫޕްގެ ދެވަނަ ޕީއެސްޖީއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގުރޫޕްގައި ވާދަކުރާ ތުރުކީގެ ބެސިކްޝާރްއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.