ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ


މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއަރޓަރާއި އަޅާބަލާއިރު 5 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 105 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރިޕޯޓުގައިވާގޮތުން ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 1.29 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ ސާފު ފައިދާގެ އަދަދަކީ 119 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް ތެޔޮ ވިއްކައިގެން 818 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީއަށް ވުރެ 189 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތެޔޮ ވިއްކައިގެން ނޫން ގޮތްގޮތުން އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 727 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަދަދަކީވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 667 މިލިއަން ރުފިޔާއަށްވުރެ 57 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.