ވިޔަފާރި

ކޯވިޑްގެ ހާލަތުގައި ފަތުރުވެރިކަން ކުރިއަރުވާ، ޤައުމުތަކަށް މިސާލު ދައްކާ ޤައުމަކަށް ރާއްޖެ


ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ވަނީ އޭގެ އަސަރު އިންތިހާއަށް ކޮށްފައެެވެ. މިފަދަ ހާލަތެއްގައި ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ޤައުމުތަކުން ދަނީ ފަސްޖެހެމުންނެވެ. އެހެންނަމަވެސް މިހާލަތުގައިވެސް ފަތުރުވެރިކަން ކުރިއެރުވިދާނެކަން ރާއްޖެއިންދަނީ ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަންވެސް ހުއްޓުމަކަށް އައެވެ.

އެތަށް ބަޔަކަށް އާމްދަނީ ލިބެމުން އައި މަގު ބަންދުވިއެވެ. އެފަރާތްތަކަށް އެހީވުމަށް ސަރުކާރުން އިންކަމް ސަޕޯޓު އެލަވަންސް ދަނީ ދެމުންނެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫނެވެ. މިއާ އެކު ސަރުކާރުން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލުމަށެވެ. އެގޮތުން ބޮޑަރުތައް ބަންދުކުރިތާ 110 ދުވަސްފަހުން މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލިއިރު، ރާއްޖެއަށް ދަތުރުތައް ފެށީ މަދު އެއަރލައިންއަކުންނެވެ. އޭރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަމުން ދިޔަ ފަތުުރުވެރިންގެ އަދަދުވެސް މަދެވެ.

އެހެންނަމަވެސް ހިތްވަރު އެލުވާނުލާ ސަރުކާރުން މިސްރާބު ޖެހީ ފަތުރުވެރިންގެ އަދި އެއަރލައިންތަކުގެ އިތުބާރު ހޯދުމަށެވެ. ރާއްޖެއަކީ ކޯވިޑް-19ގެ ހާލަތުގައިވެސް ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލެއްގައި ދުނިޔެއަށް އަންގައިދީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއާއެކު މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދަތުރުތައް އަލުން ފަށާފައިވާ އެއަރލައިންތައްވެސް ވަނީ 14 އަށް އަރާފައެވެެ.

ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވީ ރާއްޖެ ފަދަ އެހެން މަންޒިލެއް ނެތް ކަމަށެވެ. އެހެން ޤައުމުތަކުން ދަނީ ރާއްޖެ މިސާލަކަށް ބަލައިގެން ފަތުރުވެރިކަން ބައްޓަންކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ދުނިޔޭގެ އެހެން ޤައުމުތަށް ހަމަ މިސާލަކަށް ބަލައިގެން މިދަނީ، ރާއްޖެއަށް މިހާރު މިވެނި އެއަރލައިންއަކުން ފްލައި ކުރަން ފަށައިފިއޭ، ތިމަންނާމެން ކީއްވެހޭ ނުފަށަންވީ، އެގޮތުން އެބަޔަކުގެ ފަރާތުން އަނެއް ބަޔަކަށް ބާރުވެސް ލިބެނީ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން މިހާ އަވަހަށް ކުރިއަރައިގެންދާ އެއް ސަބަބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހިލާފަށް ރާއްޖޭގައި ރިސޯޓުތައް ހިންގަމުން އަންނަނީ، ވަކިން ކޮންމެ ރަށެއްގައި ވަކި ރިސޯޓެއް ހިންގާ ކޮންސެޕްޓަށެވެ. މިއީވެސް ކޯވިޑް-19 ގެ ހާލަތުުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލްކަން އިތުރުވަމުންދާ އެއް ސަބަބެވެ.

ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް އިތުރުވަމުންދާއިރު، އެއަރލައިންތަކުން ދަތުރުތައް ފަށަނީ ވަކި މިންގަނޑުތަކެއް ހުންނަ އެއަރޕޯޓުތަކަކަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސައިޒުގެ ގޮތުން ކުޑަ އެއަރޕޯޓަކަށް ވިޔަސް ވަރަށް ބޮޑު ކުރިއެރުންތަކެއް ދަނީ ހޯދަމުންނެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އެއަރޕޯޓުގައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި މިކަން ދުނިޔެއިންވެސް ބަލައިގަންނަމުންދާ ކަމަށެވެ.

' އޭސީއައިގެ ހެލްތް އެކްރެޑިޓޭޝަން ސެޓްފިކެޓުވަނީ ރާއްޖެއަށްވަނީ ލިބިފައި، މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެމީ މި ސެޓްފިޓް ލިބުނު ދެވަނަ ޤައުމު، އަދި މުޅި ދުނިޔެއިން ރާއްޖެއަކީ ބާރަވަނަ ޤައުމު، މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ޔޫއެންޑަބްލިއުޓީއޯއިންވެސް ސޭފް ޓްރެވަލް ސެޓްފިކެޓުވެސްވަނީ ރާއްޖެއަށް ލިބިފައި،" ހަސަން ވިދާޅުވިއެވެ.

ބޯޑަރުތައް ހުޅުވާލި ޖުލައިމަހުގެތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފެނިގެންދިޔައީ ވަރަށްވެސް ހުސްކޮށެވެ. އެހެން ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ބައިނަލްއަޤްވާމީ 5 ނޫނީ 6 ފްލައިޓު ރާއްޖެއަށް ދަނީ އޮޕަރޭޓްކުރަމުންނެވެ. މިއާ އެކު އެއަރޕޯޓުގެ ފަޅުކަން ފިލާ ކުރިން އޮތް ހާލަތަށް ގެންދެވިދާނެ ކަމުގެ އުއްމީދުވަނީ ބޮޑުވެފައެވެ.