އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ބައޯސްފިއަރ ރިޒާވެއްގެ ގޮތުގައި ދެމެހެއްޓޭނީ ސަރުކާރާއި ރައްޔިތުންގުޅިގެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ބައޯސްފިއަރ ރިޒާވްގެ ލަގަބް ލިބުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެސްގައި މިނިސްޓަ ޑޮކްޓަރ ޙުސައިން ރަޝީދު ހަސަން ވިދާޅުވީ މިލަގަބު އެދެސިޓީއަށް ލިބިގެން ދިޔައީ ދެސިޓީގެ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިއީ 10 އަހަރު ދުވަހުގެ މުއްދަތައް ލިބިފައިވާ ލަގަބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ބައޯސްފިއަރ ރިޒާވްގެ މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ސަރައްދުތައް ކަނޑައެޅިގެން ދިޔުމަކީ އެ ސަރަހައްދުގައި ޓުއަރިޒަމް ކުރިއަރައިގެން ދިޔުމުގެ ވަޞީލަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބަޔޮސްފިއަރ ރިޒަރވްގެ ލަގަބު ލިބިފައިވާ ސަރަހައްދުތަކަކީ މުޅި ދުނިޔެއިންވެސް ބަލައިގަންނަ ތަންތަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މީގެ ކުރިން ބައޯސްފިއަރ ރިޒާވްގެ ލަގަބު ލިބިފައި އޮންނަނީ ހަމައެކަނީ ބ. އަތޮޅަށެވެ.
މިހާރު ދުނިޔޭގެ 120 ގައުމެއްގައި ބައޯސްފިއަރ ރިޒާވްގެ ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނެއެވެ. ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަގަބެކެވެ. އެގޮތުން ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދެވެނީ އެތަނެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި، އާދަކާދައާއި ސަގާފީ އަދި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފަރާއި، ފަޅުގެ ދިރުންތަކާއި ސައިންސާއި، ތައުލީމާއި ފަންނީ ހުނަރުތަކަށްވެސް ބެލުމަށްފަހުގައެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މި ލަގަބު ދެވުނު މައިގަނޑު ސަބަބަކީ އެ ދެ އަތޮޅުގައިވެސް ގުދުރަތީ ގޮތުން ހިތްގައިމު މާހައުލުތަކެއް ހުރެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ރޭވިގެން ކުރިއަށްދާއިރު މި ދެ އަތޮޅުގެ ގުދުރަތީ ރީތި މާހައުލުތައް ހިމާޔަތްކުރެވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ދެތަނަށް ހެދުމަށާއި ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް ކޮންސެޕްޓް އަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކޮންސެޕްޓް އަކަށް ހެދުމެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވަނީ އެ ދެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.