ވިޔަފާރި

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި


ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެމްއެމްއޭއިން މިއަދު ސޮއިކޮށްފިއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި އެމްއެމްއޭއިން ސޮއިކޮށްފައިވަނީ ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކުގައެވެ. މި ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޤައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ޤާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ޚިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އެމްއެމްއޭއިން ވިދާޅުވީ މި ސިސްޓަމްގެ ބޭނުން ރާއްޖޭގައި ހިނގާ މުއާމަލާތްތަކުގައި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ބޭނުން ކުރަންފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއްކަމަށެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މިއީ ޤައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުޞަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެ ކަމަށް އެމްއެމްއޭއިން ދެކެއެވެ.

މި ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ޚިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމާއިއެކު، ފިންލެންޑުގައި ފުރަތަމަ ޤާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.

ރާއްޖޭގައި މި ސިސްޓަމް ޤާއިމްކުރާ ޓިއޭޓޯއެވްރީގެ ހެޑް އޮފް ޕޭމަންޓްސް، އިލްކާ ކޮރްކިއަކޮސްކީ ވިދާޅުވީ އެމްއެމްއޭއާއި އެކު މި މަަޝްރޫއު ހިންގުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ފަޚުރެއްކަމަށެވެ. އަދި މިފަދަ އިންފްރާސްޓްރަކްޗަރއެއްގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހިވުމާއިއެކު، އައު އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމުގައިވެސް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ކޮރްކިއަކޮސްކީ ވިދާޅުވިއެވެ.

ޓިއޭޓޯއެވްރީއިން ބުނީ ރާއްޖޭގައި ޤާއިމްކުރާ ސިސްޓަމަކީ ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ޤާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިއެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.