ޚަބަރު

ޠަލާލް އަލް ޖެރީއިން ރާއްޖެއަށް ދިހަ ހާސް މުޞްޙަފް ހަދިޔާކޮށްފި


ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ދިހަ ހާސް މުޞްޙަފް ހަދިޔާކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މުސްހަފްތައް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުއާ ޙަވާލުކުރެއްވީ އެ ފައުންޑޭޝަންގެ ރައީސް ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަހަރުގެ ޖެނުއަރީމަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި މި ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އިސްލާމީ ތަޢުލީމާއި ތަރުބަވީ ތަޢުލީމު ފުޅާކުރުމަށް މުޖުތަމަޢަށް އެހީތެރިވުމަކީވެސް މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތަޢުލީމް ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ކުވޭތުގެ އެކި ސަރަޙައްދުތަކުގައި 20 ސްކޫލް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ.

ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ޠަލާލް އަލް ޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޠަލާލް އަލް ޖެރީ އަކީ ކުވޭތުގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި ޢަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.