ޚަބަރު

ބ.ފުޅަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢާއެކު ރަށަށް އުފާވެރިކަން


ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތާއެކު ރަށުގެ ރައްޔިތުންނަށް ވަނީ އުފާވެރިކަން ލިބިފައެވެ. ފުޅަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމުމަކީ އަމާޒެއް ކަމުގައި މިމަސައްކަތް ޙަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބ.ފުޅަދޫ ކައުންސިލްގެ ރައިސް އަޙްމަދު އާސިފް ވިދާޅުވީ އެރަށުގައި ބަނދަރެއް ނެތުމުގެ ދަތިކަން އަބަދުވެސް ކުރިމަތިވެފައި އޮތް ބޮޑު މައްސަަލައެއް ކަމަށެވެ. އެގޮތުން މާލެއަށް ފުރުމަށާއި މުދާ ގެނައުމުގައި އެހެންރަށެއްގެ ބަނދަރުގެ ބޭނުންކުރަންޖެހޭކަން ކައުންސިލް ރައިސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މާލެ ދިޔުމަށް ލޯންޗު ދޮށަށްވެސް ދާންޖެހެނީ ކުޑަ ޑިންގީއެއްކަމުން އެއީ ބަދަލުވުމަށް ރައްޔިތުން އެދިއެދި ތިބި ހާލަތެއް ކަމުގައި ކައުންސިލް ރައިސް ވިދާޅުވިއެވެ. ޒަމާނުއްސުރެ ލަފާފުރުމަށް ފުޅަދޫގައި ބޭނުންކުރަނީ ފާލަމެކެވެ.

" މިއީ ވަރަށް ބޮޑު އުއްމީދެއް ރައްޔިތުންގެ. ވަރަށް ގިނަ ދަތިތަކާ ކުރިމަތިވޭ ބަނދަރެއް ނެތުމުން. ރަށަށް މުދާ ގެންނަންވެސް ދާންޖެހެނީ ގޮއިދޫއަށް. މާލެދާން ލޯންޗަށް އަރަންވެސް ޖެހެނީ ކުޑަ ޑިންގީއެއްގަ ލޯންޗު ކައިރިއަށްދާން. އަވަހަށް ބަނދަރުގެ މަސައްކަތް ނިމުން މިހާރު އުއްމީދަކީ." ބ.ފުޅަދޫ ކައުންސިލްގެ ރައިސް އަޙްމަދު އާސިފް ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ ފުޅަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މިމަސައްކަތުގެ ތެރެއިން ބަނދަރު ފުންކުރުމަށް ކުރަމުން އަންނަ މަސައްކަތް ގާތްގަނޑަކަށް ނިމުމާ ގާތްވެފައިވާކަމަށްވެސް އެކުންފުނިންގ ވިދާޅުވެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފުޅަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާއި ޙަވާލުކުރީ 29،167 (ނަވާވީސްހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް) ކޮޑިމީޓަރު ސަރަޙައްދެއްގެ ނެރު ފުންކުރުމަށެވެ. އަދި 22،794 (ބާވީސްހާސް ހަސަތޭކަ ނުވަދިހަ ހަތަރު) ކޮޑިމީޓަރު ސަރަޙައްދެއްގެ ފަޅުފުންކުރުމާއި ދުއިސައްތަ ތޭވީސް މީޓަރުގެ ސަރަޙައްދެއްގެ އެއްގަމު ތޮއްޓަކާއި ސަތޭކަ އަށް މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ތިންސަތޭކަ ދެ މީޓަރުގެ ސަރަޙައްދެއްގަ ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވާއިރު ފައްސަތޭކަ ފަންސާސް އަށް މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 48 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫޢުކުރިއަށްގެންދިޔުމަށް ސައިޓު މޮބިލައިޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.