ޚަބަރު

ޕީޖީ ޙާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި


ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ
ނުކުރައްވަން ނިންމެވުމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ޙާޒިރުކުރި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ. އެކޮމިޓީ މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކުރީ 11:00 އަށެވެ.

ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވި ނިންމުމާ ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ޖުޑީޝަލް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ޖުޑީޝަރީ ކޮމިޓީން މިމައްސަލަ ނިންމުމަށް ކަނޑައަޅާފައިވަނީ މިމަހުގެ 31ގެ ނިޔަލަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީންވަނީ ދައުވާނުކުރުމަށް ނިންމާފައެވެ. ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރައްވާފައިވާ މަސައްކަތްތަކީ ވަކިބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙުޤީޤުން ފެންނަން ނެތްކަމަށާ، އެކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އެމައްސަލާގައި ދަޢުވާ ނުކުރަން ނިންމެވުމުން ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުންދާކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ ހެލްތު މިނިސްޓްރީން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެމައްސަލަ މަޖިލީހުން ބެލުމަށް ނިންމަވާފައެވެ.