ޚަބަރު

ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ. މިދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.

އެގޮތުން ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުންނާއި، ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ބައްދަލުވުމަށް ފަހު މައިކް ޕޮމްޕެއޯ ދެއްވާ ޕްރެސް ސްޓޭޓްމަންޓް އޮންނާނީ ހަވީރު 04:00ގައެވެ. މި ޕްރެސް ސްޓޭޓްމަންޓް ޕީއެސްއެމްއިން ވަގުތުން ގެނެސްދޭނެއެވެ.

އެމެރިކާ ސަރުކާރުގެ މިފެންވަރުގެ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992ގައެވެ. އެފަހަރުވެސް ރާއްޖެ ވަޑައިގެންނެވީ އޭރުގެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމުގައި ހުންނެވި ޖޭމްސް އެޑިސަން ބޭކާއެވެ.

މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ އެޤައުމުގެ ޚާރިޖީ ކަންކަމާ ގުޅޭގޮތުން އެޤައުމުގެ ރައީސަށް ލަފާއަރުވާ އެންމެ އިސް ބޭފުޅާއެވެ.

ޕޮމްޕެއޯ ރާއްޖެއާއި ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށްފަހުއެވެ.