ޚަބަރު

ޕާކިސްތާނުގެ މަދަރުސާއަކަށް ދިން ޙަމަލާއެއްގައި ހަތް މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ


ޕާކިސްތާނުގެ ދީނީ ތަޢުލީމުދޭ މަދަރުސާއަކަށް ދިން ބޮމުގެ ޙަމަލާއެއްގައި ހަތް މީހުން މަރުވެ، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެއްޖެއެވެ.

ހާދިޘާ ހިންގި މަދަރުސާއަކީ ބޮޑެތި މީހުންނާއި ކުޑަކުދިންނަށްވެސް އުންގަންނައިދޭ މަދަރުސާއެކެވެ. ހާދިޘާ ހިންގި ވަގުތު ގިނަ ޢަދަދެއްގެ ދަރިވަރުންދިޔައީ މަދަރުސާގައި ކިޔަވަމުންނެވެ. ޙަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދާ ލޭޑީ ރީޑިންގ ހަސްފަތާލުން ބުނީ މިހާތަނަށް ހަތް މީހުން މަރުވެފައިވާކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭކަމަށެވެ. ޒަހަމްވެފައިވާ 70އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާކަމަށްވެސް އެ ހަސްފަތާލުން ބުންޏެވެ.

ޕާކިސްތާނުގެ ފުލުހުންގެ ފަރާތުން ވާހަކަދެއްކި މަސްދަރަކުން ބުނީ ދީނީ ތަޢުލީމުދޭ މަދަރުސާއަށް ޙަމަލާދީފައިވަނީ ޕުލާސްޓިކު ކޮތަޅެއްގައި ގޮވާތަކެތި ހަރުކުރުމަށް ފަހުގައިކަމަށެވެ. ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ މަސްދަރުން ބުނީ ޙަމަލާދީފައިވަނީ ކޮން ބައެއްކަން އަދި ނޭނގޭކަމަށެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޕެޝަވާރަކީ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކުގެ މެދުގައި ގިނަ ޙަމަލާތައް ބަދަލުކުރާ ސަރަޙައްދެކެވެ. ފާއިތުވި އަހަރުތަކުގައި ހިންގާފައިވާ އެފަދަ ހާދިޘާތަކުގެ ޢަދަދު މަދުވެފައިވާ ނަމަވެސް ޕެޝަވަރު ހިމެނޭ ޚައިބަރު ޕަޚްތުންޚުވާ ޕުރޮވިންސުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް މި އަހަރުގެ ތެރޭގައިވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގެ ޠާލިބާނުންނެވެ.