ޚަބަރު

ދޯންޏަކަށް އަރައި ހަމަނުޖެހުން ހިންގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި


ތޫނު ހަތިޔާރާއެކު ދޯންޏަކަށް އަރައި ހަމަނުޖެހުން ހިންގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭވަނީ ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޢުމުރުން 25 އަހަރުގެ ދެ ފިރިހެނުންނާއި ޢުމުރުން 22 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށް ކައިރި ކުރިކަން އެނގިފައިވާކަމަށާ ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިދޯންޏަށް އެމީހުން އަރާފައިވަނީ، މި ދޯންޏަކީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.