ވިޔަފާރި

ކުދި ވިޔަފާރިތަކަށް 298.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ކޯވިޑް19 އާއި ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ރިކަވަރީ ލޯނު ސްކީމްގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދަނީ ލޯނު ދޫކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1807 ފަރާތަކަށް 298.9 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1250 ވިޔަފާރިއަކަށް ދޫކޮށްފައިވާ 282.2 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 557 ފަރާތަކަށް ދޫކުރި 16.7 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 524 ކަނބަލަކަށް 109.8 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ކޯވިޑް19އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެއީ ޖުމްލަ 177.7 މިލިއަން ރުފިޔާއެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އެއީ 52.7 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމަށް 51.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.