ޚަބަރު

"ޑިމޮކްރަސީ ވީކް"ގައި 2472 ފަރާތަކުން ބައިވެރިވާނެ - އީސީ


ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމުގެ ގޮތުން "ޑިމޮކްރަސީ ވީކް"ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ބާއްވާ ހަރަކާތުގައި 2472 ފަރާތަކުން ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ޑިމޮކްރަސީއާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވަން ނިންމާފައިވާ މިހަރަކާތުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމު ވިދާޅުވީ ސަރުކާރުގެ ވުޒަރާތަކާއި، ކުންފުނި ތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭގޮތަށް ހއ. ހޯރަފުށީގައި ކުރިޔަށްގެންދާ ހަރަކާތުގައި ރާއްޖޭގައި އަލަށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ވޯޓުލާ މީހުންގެ ދުވަހާއި އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަސް، އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން އިންތިޚާބީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނުގެ ހަތަރު އަތޮޅަކަށް އަމާޒުކޮށްގެން ސިވިކް އެޑިޔުކޭޝަން ސެޝަން ތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ހިންގޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ފާހަގަ ކުރާ ރާއްޖޭގެ ފުރަތަމަ ޑިމޮކްރަސީ ވީކް ކުރިއަށްދާނީ އަންނަ މަހުގެ 4ން 10ށް ހއ. ހޯރަފުށީގައެވެ.