ޚަބަރު

އުނގޫފާރުގެ ސްކޫލްތައް ބަންދުކޮށް މާސްކު އަޅަން މަޖުބޫރުކޮށްފި


ރ.އުނގޫފާރުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުން އެރަށަށް ހުއްދަނެތި އަރައިފޭބުން މަނާކޮށް، ރަށު ސްކޫލްތައް ބަންދުކޮށް ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގައިފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއަރޑްނެސް ގެ ފަރާތުން ވާހަކަދައްކަވަމުން ޢަބްދުލްމައުރޫފް ވިދާޅުވީ، ރ.އުނގޫފާރުން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްއަކުން ކަމަށެވެ. މިގޮތުން އެރަށުން ވަނީ 60 ރެންޑަމް ސާމްޕަލް ނަގާފައެއެވެ. މައުރޫފް ވިދާޅުވީ ރެންޑަމް ސާމްޕަލްތައް ނަގާފައި ވަނީ ހޮސްޕިޓަލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ މީހުންނާއި އެރަށުގައި ދިރިއުޅޭ މީނުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުންނާއި ބިދޭސީންގެ ކަމަށެވެ.

މިގޮތުން ހޮސްޕިޓަލުން ވަނީ 20 ސާމްޕަލް ނަގާފައެވެ. ކެފޭ ރެސްޓޯރެންޓްތަކުން 15 ސާމްޕަލްއާއި ބަލީގެ އަލާމާތްތަކެއް ހުރި 20 ސާމްޕަލްގެ އިތުރުން 5 ބިދޭސީންގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.

"ޕޮޒިޓިވް ކޭސްއެއް ފެނުމުން ޒަރޫރީ ބޭނުންމަށްވެސް މަގުމައްޗަށް ނުކުންނަ އިރު މާސްކް އަޅަންޖެހޭނެ. ޚިދުމަތްތައް ދޭ މީހުންވެސް މާސްކް އަޅަން ޖެހޭނެ. ސްކ\ޫލްތައް ބަންދުވާނެ. ކުޅިވަރުތައް މިވަގުތު ކުޅުން ހުއްޓާލަންވާނެ. އުނގޫފާރަށް ބޭސްފަރުވާއަށް ދާ މީހުންވެސް ހުއްދަނަގަން ޖެހޭނެ." ޢަބްދުލް މައުރޫފް ވިދާޅުވިއެވެ.

އުނގޫފާރުން މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގައި ވަނީ ޚާއްސަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހިމް ޒަޔާން ވިދާޅުވީ، އުނގޫފާރުގައި ކޯވިޑް-19ގެ ރެންޑަމް ސާމްޕަލް ނަގާފައިވަނީ، އެރަށާއި ގާތުގައި އޮންނަ ރ ކުޑަކުރަތުގައި މަސައްކަތް ކުރާ ދިނަ އަދަދެއްގެ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ.

ޒަޔާން ވިދާޅުވިގޮތުގައި އުނގޫފާރުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެކެވެ. އޭނާ ގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ކުޑަކުރަތުން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި އޭނާއާއި ބައްދަލުވެފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.
ރ ކުޑަކުރަތުން 90 ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް 57 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރ އުނގޫފާރަކީ، ރ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައި ވުމާއި، އެކު ބޭސްފަރުވާއަށާއި, ބޭންކުގެ ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ އެހެން ރަށްރަށުން އެރަށަށް ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އައިސް ގޮސްވެއެވެ.

މިއަދު ހަވީރު އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި އެކު އެރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. މިހާރު ރާއްޖެގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ރ އުނގޫފާރުގެ އިތުރުން، ހދ ކުޅުދުއްފުއްޓެވެ.