ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 31000 އިން މައްޗަށް އަރައިފި


ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 31000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަސްކަމަށްވާ ޖުލައި 15 އިން މިމަހުގެ 21 ގެ ނިޔަލަށް 31852 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހުގެ 21 ގެ ނިޔަލަށް ރާއްޖެއައި 12934 ފަތުރުވެރިންނެވެ.

އޮކްޓޯބަރ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ޤައުމުން 6026 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއައީ ޔޫއޭއީ އިންނެވެ. އެއީ 3377 ފަތުރުވެރިންނެވެ. 2795 ފަތުރުވެރިންނާއިއެކު 3 ވަނައިގައި އުޅެނީ އެމެރިކާއެވެ. މި 3 ޤައުމުގެ އިތުރުން ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ޤައުމުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ޔޫކްރެއިން، ބްރެޒިލް އަދި އިންޑިއާއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 117 ފަތުރުވެރިންނެވެ. ނަމަވެސް އޮކްޓޯބަރުމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 616 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.