ވިޔަފާރި

ސްވެނިއަރ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި


ސްވެނިއަރ ވިޔަފާރިކުރާ ފަރާތްތަކުން "ސްވެނިއަރ ވިޔަފާރި ދަފްތަރުގައި" ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވިދާޅުވީ، ސްވެނިއަރ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރިއެއްކަމަށެވެ. އަދި ސްވެނިއަރ ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ސްވެނިއަރ ފިހާރަތައް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު މިނިސްޓްރީއަށް މެއިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ސްވެނިއަރ ވިޔަފާރިކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ ފަތުރުވެރިކަމާއި ސުވެނިއަރ ޝޮޕްތަކާއި ބޮޑަށް ގުޅުވާލުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ، ސްވެނިއަރ ފިހާރަތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ފަތުރުވެރިންނަށް ސްވެނިއަރ ފިހާރަތަކުން ލިބޭ ޚިދުމަތްތައްވެސް ވީ އެންމެ ފުރިހަމަ ގޮތެއްގައި ލިބިދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ފުރުޞަތަކަށް ވާނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްވެނިއަރ ވިޔަފާރިކުރާ ފަރާތްތަކުން "ސްވެނިއަރ ވިޔަފާރި ދަފްތަރުގައި" ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދިވެހި އުފެއްދުންތައް ވިއްކާ ސުވެނިއަރ ފިހާރަތައް ޕްރޮމޯޓްކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުޞޫމް ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ތަރައްޤީކުރުމަށް އެކަނި ނޫންކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ފުރިހަމަ އޯލް ރައުންޑަރ ޚިދުމަތްތަކެއް ދޭ ޤައުމަކަށް ހެދުމުގެ އަމާޒުގެ ދަށުން ޑައިވް ސެންޓަރުތަކާއި، ގެސްޓް ހައުސްތަކާއި، ސުވެނިއަރ ޝޮޕްތައް ތަރައްޤީކުރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.