ޚަބަރު

ކޮލަމާފުށީ ބަނދަރު ހަދަނީ ރައްޔިތުން ބޭނުންވާ ގޮތަށް - މިނިސްޓަރ އަސްލަމް


ގއ.ކޮލަމާފުށީގައި ހަދަނީ ރައްޔިތުން ބޭނުންވާގޮތަށް 1200 ފުޓުގެ ބަނދަރެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ކޮލަމާފުށީގައި ހަދަމުން އަންނަ ބަނދަރުގެ ޑިޒައިނިންގ ދުވަސްވަރު ރައްޔިތުން ބޭނުންވި ބައެއް ބަދަލުތައް ބަނދަރުގެ ޑިޒައިނަށް ގެނެސްފައިވާނެކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކައުންސިލުން ހުށަހެޅި ޑިޒައިންގައި އެއްހާސް އަށްޑިހަ ފޫޓުގެ ބަނދަރެއް ހެދުމަށް އެދިފައިވީނަމަވެސް ބަނދަރު އިތުރަށް ދިގުކުރުމަށް ރައްޔިތުންގެ ފަރާތުން އެދުމުން 1200 ފޫޓަށް މިހާރު ބަނދަރު ބޮޑުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮލަމާފުށީގައި މިހާރު ހަދަނީ 1200 ފޫޓު ގިދު 400 ފޫޓު ފުޅާ ބަނދަރެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މިބަނދަރަށް 130 ފޫޓު ދިގު ދޯނި ފަހަރަށްވެސް ފަސޭހަކަމާއެކު ވަދެ ނިކުމެ ހެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުން އެދުނުގޮތަށް އަޅުގަނޑުވާނީ 1200 ފޫޓަށް ބަނދަރު ދިގުކުރަން މިހާރު ނިންމާފައި. ދެވަނަކަމަކަށް އެދުނީ ބަނދަރުގެ ބޭރު ތޮށްޓާވީ ފަޅީގައި ކީވޯލްއެއް ޖެހުމަށް. އެކަމާ ގުޅޭގޮތުން ޓެކްނިކަލް އެޑްވައިސްވާނީ ދީފަ މިހާރު. އެގޮތަށް ބަނދަރުގެ ދެފަރާތުގަ ކީވޯލް ޖެހީމަ ބަނދަރުގެ އެތެރެ ގަދަވާނެތީ އެކަން އެގޮތަށް ނުކުރުމަށްވާނީ ލަފާދީފަ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ގއ.ކޮލަމާފުށީ ބަނދަރުގެ މަސައްކަތް، "ހެވީ ފޯރސް" ކުންފުންޏާ މިދިޔަ ސެޕްޓެމްބަރުމަހުގެ 6ވަނަ ދުވަހުވަނީ ޙަވާލުކޮށްފައެވެ. އޮފިޑު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މިމަޝްރޫޢު 58 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރުމަށެވެ. މިމަޝްރޫޢުގެ ދަށުން މިހާރުކުރިއަށްދަނީ އީއައިއޭ ހެދުމުގެ މަސައްކަތްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަންނަ ޑިސެމްބަރުމަހުގެ ތެރޭ ސައިޓު މޮބިލައިޒްކުރުމުގެ މަސައްކަތް ފަށާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.