ޚަބަރު

ހަތިޔާރާއެކު ދޯންޏަކަށް އަރައި ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ބަލަނީ


އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏަކަށް އަރައި ރޭ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ 11:55 ހާއިރު ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށް ކައިރި ކުރިކަން އެނގިފައިވާ ކަމަށާއި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެތި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިދޯންޏަށް އެމީހުން އަރާފައިވަނީ، މި ދޯންޏަކީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.