ޚަބަރު

ކޭބަލް ކާރު މަޝްރޫޢަކީ ފީސިބަލް ކަމެއްނޫން - މިނިސްޓަރ އަސްލަމް


ރާއްޖޭގައި ކޭބަލް ކާރު އެޅުމަކީ ފީސިބަލް ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކާށިދުއާއި ގާފަރު ކޭބަލް ކާރަކުން ގުޅުވާލުމުގެ މަޝްރޫޢާއި ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ހުށައެޅި މަޝްރޫޢުތައް މިނިސްޓްރީގެ ޕްލޭންގައި ނުހިމަނުއްވަނީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ސުވާލުކުރެއްވިއެވެ. އެސުވާލަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ކޭބަލް ކާރު އެޅުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވޭކަމަށެވެ. އަދި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމައެއްގޮތަކަށްވެސް، ހަމަބުއްދީގައިހުރެ ޤަބޫލެއް ނުކުރަން، ކާށިދޫއިން އެއްވެސްތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައެއް. ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ މިޒާތުގެ މަސައްކަތް ކިތަންމެ ބާރަށް ދެއްކިކަމަށްވިޔަސް އެއީ ވާނެކަމެއްނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން މީ ވާނެކަމެއްކަމަކަށް، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްކަމަކަށްވެސް. އެހެންވީމަ އެކަން އަޅުގަނޑު ހަމަބުއްދީގަ ހުރެގެން. ވަޒީރަކަށް އަޅުގަނޑު ހުންނަނީ އަޅުގަނޑުގެ ޒިންމާ އަދާކުރުމަށް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރގެ އެ ވާހަކަފުޅާ ގުޅިގެން ޖާބިރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެއީ ކުރެވޭނެކަމެއްކަމަށާއި ރައްޔިތުންނަށް އޮޅުވާނުލެއްވުމަށް އެދިވަޑައިގެންފައެވެ. ޖާބިރުގެ އެވާހަކަފުޅާއި ގުޅިގެންވެސް މިނިސްޓަރ ވަނީ ތަކުރާރުކޮށް އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށާއި ކާށިދުއާއި ގާފަރު ކޭބަލް ކާރަކުން ގުޅާލުމަކީ މެންބަރު ޖާބިރު އެދާއިރާއަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ. ޖާބިރު ވަނީ އެމަޝްރޫޢަކީ ފީސިބަލް ކަމެއްތޯ ބެލުމަށް ރާއްޖެއިން ބޭރުންވެސް އެކަމުގެ އެކްސްޕާޓުންގެ ޓީމެއް އެދާއިރާއަށް ގެންގޮސް ސާރވޭގެ މަސައްކަތްތަކެއްވެސް ކުރައްވާފައެވެ.