ޚަބަރު

މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި


ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ދެމަސްދުވަހަށް މަސައްކަތްތަކުން ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ ޝުކޫރު ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެކޮމިޝަނަށް ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޖޭއެސްސީގެ ޤާނޫނުގެ ދަށުން 60 ދުވަހުގެ މައްދަތަކަށް ސަސްޕެންޑްކޮށްފައިވާކަމަށެވެ.

ޖޭއެސްސީން ޝުކޫރު ސަސްޕެންޑްކޮށްފައިވާއިރު އޭނާ ސިޔާސީ މަސައްކަތްތަކެއްގައި ބައިވެރިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ. ޖޭއެސްސީން ވިދާޅުވީ ގއ.މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ ޝުކޫރާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައިހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލާއި ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާތީއެވެ. މިމައްސަލާގައި ޝުކޫރު އެކި ފަހަރު މަތީން މިމީހާއި ބައްދަލުކޮށް ހަދާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.

އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވާހިނދު، 2018ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.