ޚަބަރު

ކޯވިޑް-19 : ފިޔަވަޅުތައް އެޅުމުގައި "ސީރޯ ޕްރިވެލަންސް ސަރވޭ"ގެ ދައުރު މުހިންމު - ޑރ.ޝީނާ


ރާއްޖޭގައި މިހާރުއޮތް ކޯވިޑް-19ގެ ޙާލަތުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް "ސީރޯ ޕްރިވެލަންސް ސަރވޭ" މުހިންމު ދައުރެއް އަދާކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓެންޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. މިޙާލަތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައިވެސް މިސަރވޭގެ ދައުރު ބޮޑުކަމަށް ޑރ.ޝީނާ ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑރ.ޝީނާ ވިދާޅުވީ މިއީ އާދައިގެ ޓެސްޓެއްކަމަށް ބައެއް މީހުންނަށް ހީވިނަމަވެސް މިއީ ކޯވިޑް-19ގެ ވައިރަސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް ޢާއްމުކޮށް ހަދާ ޓެސްޓުފަދަ ކަމެއް ނޫންކަމަށެވެ. މިއީ މުޖުތަމަޢުގެ ތެރޭގައި ބަލީގެ ޙާލަތު އޮތްގޮތް ދެނެގަތުމަށް ނުވަތަ ބައްޔާ ކުރިމަތިލުމުގައި މީހުންގެ ދިފާޢީ ބާރުހުރި މިންވަރު ދެނެގަތުމަށް ހަދާ ޓެސްޓެއްކަމަށް ޑރ.ޝީނާވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިގޮތަށް މަޢުލޫމާތު އެއްކުރަނީ ވަކިވަކި ފަރުދުންނަށްވުރެ ބޮޑަށް މުޅި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. ކޯވިޑް-19ގެ ޙާލަތު ދެނެގަނެވުމުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެކަމަށާ، އެކަމަށްޓަކައި މިސަރވޭ ވަރަށް މުހިންމުކަމަށް ޑރ.ޝީނާ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާމެދުވެސް ގޮތް ނިންމުމަށް ސަރވޭ އިސްދައުރެއް އަދާކުރާކަމަށް ޑރ.ޝީނާ ވިދާޅުވެއެވެ.

"މިއެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް އެޗްޕީއޭއަށް ފަސޭހަވެގެންދާނެ. ސައިންޓިފިކަލީ އެއްކުރެވޭ މިމަޢުލޫމާތަކީ ސައްޙަ އެއްޗަކަށްވުމަށް އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ސާމްޕަލް ނަގަންޖެހޭނެ. މީގެ ސަބަބުން ބަލި ފެތުރިފައިވާ މިންވަރާއި ވަކި ޢުމުރުފުރާއެއްގައި ބަލި ފެތުރިގެން ދިޔުމަށް އޮތް ފުރުސަތުވެސް އެނގިގެންދާނެ."ޑރ.ޝީނާ ވިދާޅުވެއެވެ.

"ސީރޯ ޕްރިވަލަންސް ސަރވޭ" ކުރިއަށްގެންދަނީ އެޗްޕީއޭއާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެންނެވެ. މި ސަރވޭގެ ބޭނުމަކީ ކުރިން މިބައްޔަށް ހުށަހެޅިފައިވާ މީހުންގެ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު އެއްކުރުމެވެ. މި ސަރވޭގެ ތެރެއިން އެކި އުމުރުފުރާގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުންވެސް ހިމެނެއެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ގޮތުގެ އަންދާޒާއެއްވެސް ކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ސަރވޭއަށް ބޭނުންވާ ސާމްޕަލް ނަގަން ފަށާފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. 4 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މިސަރވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނަގާފައިވަނީ ސްކޫލު އުމުރުފުރާގެ ކުދިންގެ ގައިންނެވެ. މިހާރު ކުރިއަށްގެންދާ ސަރވޭގެ ދެވަނަ ބުރުގައި ސާމްޕަލް ނަގަނީ ހޮވާލެވޭ ވަކިބަޔަކަށް އެސްއެމްއެސް މެދުވެރިކޮށް އަންގައިގެންނެވެ. މިއީ ލެއިން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓެކެވެ. ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ ޢާއްމުކޮށް ހޮވާލާ މީހުންގެތެރެއިންނެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ސީރޯ ޕްރިވެލަންސް ސަރވޭގައި ސާމްޕަލް ނެގޭނެ އިންތިޒާމް 4 ތަނެއްގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ނަމަ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ސާމްޕަލް ނެގޭނެއެވެ. އަދި ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލް އާއި ވިލިމާލޭގައި ނަމަ ވިލިމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެއެވެ. މިތަންތަނުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 7 ޖެހުމާ ހަމައަށެވެ.