ޚަބަރު

ކޯވިޑް-19 : ދިއްދޫން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ


ހއ. ދިއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ އެންމެން އެ ބަލިން ރަނގަޅުވެއްޖެއެވެ.

ހއ އަތޮޅު ހޮސްޕިޓަލުން ބުނީ ދިއްދޫ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެ ރަށުގައި ކޯވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު މިވަގުތު ނެތްކަމަށެވެ.

ނަމަވެސް މި ބައްޔަކީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވާތީ، ހުރިހާ ރައްޔިތުންވެސް މި ކަމަށް ސަމާލުކަން ދިނުމަށާއި، ގިނަގިނައިން އަތް ދޮވުމަށާއި އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން އުޅުމަށް ސަމާލުކަން ދިނުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހުރިހާ ރައްޔިތުންވެސް، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އުޅުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޕޮލިސް ކްލަސްޓަރއާ ގުޅިގެން ދިއްދޫން ވަނީ 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިކްލަސްޓަރގައި ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ ޢަލާމަތްތައް ހުރެގެން މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.