ވިޔަފާރި

އާރުކޭސީ މުއާހަދާގެ ސަބަބުން ދައުލަތައް ލިބޭ އާމްދަނީ އިތުރުވެގެންދާނެ- ކަސްޓަމްސް

ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން، އާރުކޭސީގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ (ޑަބްލިއުސީއޯ)ގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޗީފް ކަސްޓަމް އޮފިސަރ ޒޫނާ އަޙްމަދު ވިދާޅުވީ، މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ދައުލަތައް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޒޫނާ ވިދާޅުވީ، މި މުއާހަދާގެ ސަބަބުން މުދާ ކްލިއަރކުރުން އަވަސްވެ، މުދާ ބޭލުން އިތުރުވެގެންދާނެކަމަށެވެ. މީގެއިތުރުން ކަސްޓަމްސްގެ މަސައްކަތް ހަރުދަނާވެ ނޭދެވޭ ގޮތުގައި ރައްޖެ އެތެރެކުރެވޭ ތަކެތިން ދާ ރެވެނިއު ލީކްއޭޖް މަދުވެގެންދާނެއެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުވެ، ވިޔަފާރީގައި ވާދަވެރިކަން އިތުރުވެގެންދާނެކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މި މުއާހަދާގެ ސަބަބުން ދައުލަތުގެ އާމްދަނީ އެބަ އިތުރުވޭ. ކަސްޓަމްސްގެ އެންމެ މައިގަނޑު އެއް ރޯލެއް އެއީ ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުން. މުދާ ކްލިއަރކުރުން އަވަސްކޮށްދޭ. ވިޔަފާރީގެ ހަރަދުކުޑަވެގެންދާނެ. ކަސްޓަމްސް ޕްރޮސީޖަރތައް ސިންޕްލިފައިވެގެންދިއުމާ އަދި ހަމަ މުދާ ބަނދަރުގައި ހޭދަވާ ވަގުތު މަދުވުމުން މުދާ ބޭލުން އިތުރުވެގެންދާނެ. އެތެރެވަމުންދާ މުދާތައް އިތުރުވެ، ދައުލަތައް ލިބޭ އިންޕޯޓް ޑިއުޓީ އިތުރުވެގެންދާނެކަމަށް ބެލެވޭ." ޒޫނާ ވިދާޅުވިއެވެ.

ކަސްޓަމްސްގެ ގިނަ މިންގަނޑުތަކާއި އާރުކޭސީގެ ގިނަ މިންގަނޑުތަކާއި މިހާރުވެސް ވަނީ އެލައިންވެފައިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި ބައެއް މިންގަނޑުތައް އިސްލާހުކުރުމުގެ މަސައްކަތް ކަސްޓަމްސްއިން މިހާރު ދަނީ ކުރަމުންނެވެ.

އާރުކޭސީއަކީ ކަސްޓަމުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑާރޑްތައް ބަޔާންކުރާ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މުއާހަދާއެކެވެ. އާރުކޭސީގެ މަޤްސަދަކީ ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް ލުއިފަސޭހަކޮށް، ކަސްޓަމްސް ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެމަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އާރުކޭސީގެ ސްޓޭންޑަރޑްއެއްކަމަށްވާ ކަސްޓަމްސް ބިޒްނަސް ޕާޓްނަރޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖަރގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި ވާދަވެރި އިޤްތިސާދަކަށް ވެގެންދާނެއެވެ. މީގެއިތުރުން ދެފުށް ފެންނަ ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ޙިދުމްތުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. އަދި ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ބުނެއެވެ.