ޚަބަރު

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވުން ކުރިއަށް ގެންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވުން ކުރިއަށް ގެންދިޔަ މީހުންނަށް ފުލުހުން ނަސޭޙަތްތެރިވުމުންވެސް ހުއްޓާ ނުލާ އެއްވުން ކުރިއަށްގެންދިއުމާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނުންނާއި ދިވެހި 3 އަންހެނުންނެވެ.

ވޮއިސް އޮފް ޗިލްޑްރެންއިން ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލާ ޚިޔާލުފާޅުކުރުމަށް ކުރިއަށްގެންދިޔަ އެއްވުން ފުލުހުން ރޫޅާލާފައިވާކަމަށާއި އެއްވުމުގެ ހުރިހާ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެޖަމިއްޔާއިންވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ސަރަޙައްދެއްގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެކެވެ.

މިދުވަސްވަރު މާލޭގެ ސަރަޙައްދުތަކަށް އެއްނުވުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ޕާޓީ ބޭއްވުމާއި އެކި އިވެންޓުތައް ބޭއްވުމުގައިވެސް ރައްކާތެރިކަން އިސްކުރުމަށް އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ސަބަބަކީ އެއްވުމުގެ ސަބަބުން ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި އޮތް ކޮމިއުނިޓީ ސްޕްރެޑް ކުޑަކޮށް ބަލި ކޮންޓްރޯލްކުރުމަށް ވަކި ގަޑިތަކުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން ފިޔަވަޅުތަކަށް ލުއިދެމުންނެވެ. މިއާއެކުވެސް ކޮންމެހެން އުޅެން ނުޖެހޭނަމަ ބޭރުތެރޭގައި ނޫޅުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.